ކޮތަޅުބޮނޑިން ފީ ކަނޑާލައި، ކުނި އެތެރެކުރުން ކުށަކަށް ހަދާ ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ކޮތަޅުބޮނޑިން ފީ ކަނޑާލައި، ކުނި އެތެރެކުރުން ކުށަކަށް ހަދާ ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ފަންސާސް ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ދެ ރުފިޔާގެ ފީ ނަގަން ނުޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން، ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް އާއްމުންގެ ހިޔާލު ހުށަަހަޅަން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝިފާޒު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމުން މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެ ބިލު ދިރާސާ ކުރުމަށް ސަބް ކޮމިޓީއަކަށް ފޮނުވައިފައެވެ.

އެ ސަބް ކޮމިޓީއަކީ މަޖިލީހުގެ އެވަޔަރަންކަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީއެވެ.

އެ ބިލު ދިރާސާ ކުރުމުގެ ތެރެއިން އެ ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން މަޖިލީހުގެ އިދާރާއިން ވަނީ ހުޅުވާލައިފައެވެ.

މި ފުރުސަތު މަޖިލިސް އިދާރާއިން ހުޅުވައިލީ، އަންނަ އޮގަސްޓް ކަމުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

އެހެންކަމުން މަޖިލިސް އިދާރާއިން އަންގާފައި ވަނީ، ބިލާބެހޭގޮތުން އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ތިނެއް އޮގަސްޓް ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މަޖިލީހުގެ އެވަޔަރަންކަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީއަށް މެއިލް ކުރުމަށް، ނުވަތަ މަޖިލީހުގެ އިދާރާއަށް އެކަން ލިއުމުން ހުށަހެޅުމަށެވެ.

ޕްލާސްޓިކު ކޮތަޅުން ފީނެގުން ހިމެނޭ، ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރު އޮންނަނީ، ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަންވާނެ ކަމަށެވެ.

ނަމަވެސް މި ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނަގައިގެން ނުވާނެ ހާލަތްތަކެއް ވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ އިތުރުން، ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާއެވެ.

ގާނޫނަށް އިސްލާހު ގެންނަން މިއަދު ހުށަހެޅި ބިލުގައި، ފީ ނަގައިގެން ނުވާނެ ބައެއްގެ ގޮތުގައި 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅުބޮނޑި ހިމަނަން ވަނީ ހުށަހަޅައިފައެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމަށާއި ކުނި މެނޭޖު ކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން، ތަފާތު ބާވަތްތަކުގެ ކުނި މެނޭޖު ކުރުމާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާންކުރާ އުސޫލުތައް މުރާޖައާކޮށް، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުން ކަމަށެވެ.

އެހެންކަމުން އިގުތިސޯދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވާލުމަށް ބިލުގައި ހިމަނާފައިވެއެވެ. އަދި ކުނިމެނޭޖު ކުރާ އިރު ގައުމީ މާސްޓަ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާ އެއްގޮތްކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ގާއިމްކުރުމާއި ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. ހަމައެހެންމެ ކުނި މެނޭޖްކުރާ މަރުކަޒުތަކައި ގުޅުންހުރި ބައެއް އިސްލާހުތައް ބިލުގައި ހިމަނާފައިވެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރަ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލުން ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ ކުށެއްކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *