މީގެ ހަތް ވަރަަކަށް އަހަރު ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ހިފެހެއްޓި 30،000 ޑޮލަރު ހަލާކުވި މައްސަލައިގައި ފުލުހަކު ވަޒީފާއިން ވަކި ކުރަން ލަފާ ދީފިއެވެ.
ފުލުހުން ވިދާޅުވީ، އެ ހިދުމަތުން 2019 ވަނަ އަހަރު ތަހުގީގުކުރި މައްސަލައެއްގައި ހިމެނޭ އެމެރިކާ ޑޮލަރުތަކެއް ފައިނޭންސް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ހުއްޓައި, އެކަމާ ހަވާލުވެ ހުރި މުވައްޒަފެއްގެ އިހުމާލުން އެފައިސާ ހަލާކުވި މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ލަފާދީ، އިސްތިއުނާފު މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑްކުރުމަށް ޖުލައި ހަތް ވަނަ ދުވަހު ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަާށްވެސް ފުލުހުން ވިދާޅުވިއެވެ.






