ރާއްޖޭގެ ޑޮލަރުގެ އަގު އަދިވެސް ދާނީ މައްޗަށް ކަމަށާއި ޑޮލަރުގެ އަގު ދަށްކުރުމަށް ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު މޫސާ ވިދާޅުވީ، އެއްޗެއް މާބޮޑަށް ގިނަ ވެއްޖެ ނަމަ އެ އެއްޗެއްގެ އަގު ދަށަށް ގޮސް އަގެއް ނުހުންނާނެ ކަމަށާއި ޑޮލަރުގެ އަގު ބޮޑުވެގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީވެސް ދިވެހި ރުފިޔާ ސާކިއުލޭޝަންގެ ތެރޭގައި މާބޮޑަށް ގިނަވެ، ދިވެހި ފައިސާގެ އަގު ދަށަށް ދިއުން ކަމަށެވެ.
އެގޮތުން ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތަކަށާއި މުސާރަ އާއި ދައުލަތް ހިންގުމުގެ ކަންކަމަށް ގިނަ އަދަދެއްގެ ދިވެހި ފައިސާ ނެރެފައިވާއިރު، ޑޮލަރު ސާކިއުލޭޝަންގައި ދައުރުވާ މިންވަރުވެސް ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު މޫސާ ވިދާޅުވީ، ޑޮލަރުގެ އަގު ދަށް ކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސަރަހައްދުގެ އެއްވެސް ގައުމެއްގެ ސަރުކާރަކަށް ވެސް ކުރެވުނު ކަމެއް ނޫން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ އިންޑިއާ، ބަންގްލަދޭޝް އަދި ސްރީ ލަންކާގައި ޑޮލަރުގެ އަގުތައް ބޮޑުވަމުންދާ ދިއުމަށެވެ.
”ޑޮލަރު ލިބެން ހުރި ވަރު ދަށްވެއްޖެ، ދިވެހި ރުފިޔާ އެހާ ގިނަ ވެއްޖެ، އެހެންވީމާ ވެގެން ދާނެ ގޮތް މިވަނީ … މިހާރު ބައްލަވާ، ތަކެތީގެ އަގު ބޮޑުވާ ވާހަކަ، ތަކެތީގެ އަގު މައްޗަށް ދަނީ އެއް ނޫން، ފައިސާގެ އަގު ދަށަށް ދަނީ، އެހެންވެ ކުރިން ރުފިޔާ އަކަށް ލިބޭ އެއްޗެއް މިހާރު ރުފިޔާ އަކަށް ނުލިބެނީ،“ މުހައްމަދު މޫސާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރަށް މިކަމުގައި ކުރެވޭނެ ކަމަކީ، ސާކިއުލޭޝަން ގައި އެނބުރޭ ދިވެހި ފައިސާ މަދުކުރުން ކަމަށާއި އިތުރު މާބޮޑު ކަމެއް ސަރުކާރަށް ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.





