ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ

ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ

ކޮރަޕްޝަނުން ގެއްލިފައިވާ ރައްޔިތުންގެ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދައުލަތުގެ ތެރޭގައި ޒަމާންތަކެއްވަންދެން އަށަގެންފައިވާ ކޮރަޕްޝަނުގެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަނީ ވަރަށް ބޮޑު ޔަގީންކަމަކާއެކުގައި ކަމަށެވެ. މި މަސައްކަތް ކާމިޔާބު ކުރެވޭނީ ސަރުކާރާއި ކޯޓުތަކާއި އޭސީސީ އަދި ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާނާތުގެ އެކި މައްސަލަތަކުގައި ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ބިލެއްގެ މަސައްކަތް މިހާރު ކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހަޅާއިރު އެހެން ޤާނޫނުތަކަށްވެސް އިސްލާހުތައް ގެންނަންވާނެ ކަމަށެވެ. އަދި މުއައްސަސާތަށްވެސް އިތުރަށް ވަރުގަދަކުރުމަކީވެސް މި މަސައްކަތުގައި މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ ފައިސާ އާއި މުދާ ގެއްލިފައިވާ ގެއްލުން، އޭގެ ތެރެއިން ވީހާވެސް ބޮޑު އެއްޗެއް ނޫނީ ގާތްގަނޑަކަށް ހުރިހާ މުދަލެއް ހޯދުމުގައި ނަތީޖާ ނެރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެ ނޫންވެސް ކޮރަޕްޝަނުގެ މައްސަލަތައް ރަނގަޅަށް ބަލައި، ހައްލު ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަންކަން ކުރުމަށް ހުރަސްއެޅޭގޮތަށް ކަންކަން ބައްޓަންކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މުއައްސަސާތައް ބާރުވެރިކުރުވުމުގެ އިތުރުން ހިންގުމުގެ ނިޒާމުވެސް ރަނގަޅުވާންޖެހޭ ކަމަށާއި ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ ސިޔާސަތު އެމަނިކުފާނު ގެންގުޅުއްވަނީ އެ ބޭނުމުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ތަޢާރަފުކޮށްފައިވާ "މޯލްޑިވްސް 2.0″ އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅުކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި ނިޒާމުން ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތްތަކެއް ކަށަވަރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމެއްކަމަށާއި، ޕްރެސް ފްރީޑަމް އިންޑެކްސްގައިވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމަކަށް "މޯލްޑިވްސް 2.0″ ވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *