ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ އައު ބިލެއް މަޖިލީހަށް: ފަސްލައްކަ އާއި މިލިއަނަކާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައަޅައިފި

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ އައު ބިލެއް މަޖިލީހަށް: ފަސްލައްކަ އާއި މިލިއަނަކާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައަޅައިފި

ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅައި، އެތަންތަން ކުއްޔަށް ދިނުމާބެހޭ އައު ގާނޫނެއް ފާސްކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މި ބިލަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އުވާލައި، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަށް ހުށަހެޅި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުށަހެޅި މި ބިލުގެ މައިގަނޑު މަގުސަދަކީ ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ޝަރުތުތަކާއި އިޖުރާއަތްތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ސާފުކޮށް ކަނޑައެޅުމެވެ.

ފަޅުރަށްރަށް އެކަށައެޅޭނެ ބޭނުންތައް:ބިލުގައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ފަޅުރަށްރަށް އެކަށައެޅޭނީ މައިގަނޑު 9 ބޭނުމަކަށެވެ. އެއީ:

ފަތުރުވެރިކަމުގެ ބޭނުމަށް
ސިނާއީ ބޭނުމަށް
މަސްވެރިކަމުގެ ބޭނުމަށް
ދަނޑުވެރިކަމުގެ ބޭނުމަށް
އިގްތިސާދީ އެހެން ބޭނުންތަކަށް
އިޖުތިމާއީ ބޭނުމަށް
ދައުލަތުގެ ބޭނުމަށް
އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުމަކަށް

ފަޅުތައް އެކަށައެޅުމުގައި ދަނޑުވެރިކަމާއި އިޖުތިމާއީ ބޭނުންތައް ނުހިމެނޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކައުންސިލްތަކުގެ ދައުރު:ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކަށް އެކަށައަޅާ ރަށްތައް ފިޔަވައި، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައަޅާނީ އެ ރަށެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ފަތުރުވެރިކަމާއި ސިނާއީ ބޭނުމަށް ރަށްތައް އެކަށައަޅާނީ ޓޫރިޒަމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ކުއްޔަށް ދިނުމުގެ މުއްދަތާއި އުސޫލު:މި ގާނޫނުގެ ދަށުން ފަޅުރަށެއް ކުއްޔަށް ދެވޭނީ 21 އަހަރުގެ މުއްދަތަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިއަށްވުރެ ކުރު މުއްދަތަކަށްވެސް ދޫކުރެވިދާނެއެވެ. އަދި ކުލީގެ މުއްދަތު ޖުމްލަ 50 އަހަރަށް އިތުރުކޮށްދިނުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ. ވިޔަފާރީގެ ބޭނުމަށް ރަށްތައް ކުއްޔަށް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

ކުލީގެ ރޭޓުތައް:

ސިނާއީ އަދި އިގްތިސާދީ ބޭނުމަށް: އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ.
މަސްވެރިކަމާއި ދަނޑުވެރިކަމަށް: އަކަމީޓަރަކަށް އަހަރަކު 2.50 ރުފިޔާ.
އިޖުތިމާއީ ބޭނުމަށް: އަކަމީޓަރަކަށް އަހަރަކު 2 ރުފިޔާ.

ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކަށާއި، 100 މިލިއަން ރުފިޔާއަށްވުރެ ކުޑަނޫން އިންވެސްޓްމަންޓްތައް ހިމެނޭ އިގްތިސާދީ މަސައްކަތްތަކަށެވެ.
ޖޫރިމަނާ އަދި އަމަލުކުރުން:މި ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތައް 500,000 (ފަސްލައްކަ) ރުފިޔާ އާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. މި ބިލު ފާސްވެ ތަސްދީގުވުމާއެކު، ކުރީގެ ފަޅުރަށްރަށާބެހޭ ގާނޫނު އުވިގެންދާނެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *