ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ބޭނުންވާކަމަށް ދުނިޔޭގެ އެންމެ ބޮޑު ބާރު، އެމެރިކާއިން މިއަދު ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ފޮނުއްވި ތަހުނިޔާގެ ބަޔާނުގައެވެ. އެމެރިކާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހި އެންމެހާ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވަމުން ރޫބިއޯ ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެމެރިކާއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.
ރޫބިއޯގެ ބަޔާނުގައި، ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 60 އަހަރު ފުރޭކަން ފާހަގަކުރައްވައި، މިވީ ދިގު މުއްދަތުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމަށް މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަކީ އެމެރިކާގެ ބޮޑު އުންމީދެއް ކަމަށް ވިދާޅުވިއެވެ.
ޚާއްސަ ގޮތެއްގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއާއެކު ކުރާ މަސައްކަތްތައް ފުޅާކުރުމަށް އެމެރިކާއިން އޮތީ ތައްޔާރަށް ކަމަށް ރޫބިއޯ ވިދާޅުވިއެވެ. އިންޑިއާ ކަނޑުގެ ސަރަހައްދަކީ ސުލްހަވެރި އަދި ހަމަޖެހޭ ސަރަހައްދެއްގެ ގޮތުގައި ދެމެހެއްޓުމަށް ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ބަލައިގަންނަކަންވެސް އޭނާ ހާމަކުރެއްވިއެވެ.
"ކަނޑުމަތީގެ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލަތަކުގައާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،" ރޫބިއޯގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިނިވަން ދުވަހުގެ އުފާވެރިކަން ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައްޔިތުންގެ ނަމުގައި ދިވެހި ރައްޔިތުންނަށް އުފާވެރި އަދި ބާއްޖަވެރި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރޫބިއޯ ވަނީ ބަޔާން ނިންމަވާލައްވާފައެވެ.






