ހުޅުމާލެ ފޭސް 1 ގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) ގެ ބިއްލޫރިގަނޑު މިރޭ ވެސް ތަޅާލައިފި އެވެ. މި އަމަލު ހިންގި މީހާ މިހާރު މުޖުތަމައުން އެކަހެރިކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައިގެން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު އެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުނުކޮށް އުޅެނިކޮށް، އޭނާ ވަނީ މިރޭ ދެވަނަ ފަހަރަށް އެ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފަ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން އެ މީހާ މިހާރު މުޖުތަމައުން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ މީހަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ނުވަތަ އެފަދަ މައްސަލަތަކެއް ހުރި މީހަކަށް ވާތީ، އޭނާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިސްކިތްތަކަކީ މުސްލިމުންގެ މުގައްދަސް ބިނާތަކަކަށް ވާއިރު، މިފަދަ ތަންތަނަށް ގެއްލުން ދިނުމަކީ ދިވެހި މުޖުތަމައު ނުހަނު ކަންބޮޑުވާ ކަމެކެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






