ކ. ހިންމަފުށީގައި މާރާމާރީ ހިންގި ދެ ބިދޭސީން ޑީޕޯޓްކޮށްލަން ނިންމައިފި އެވެ.
ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 7:24 ހާއިރު އެވެ.
މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ. އަދި ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.






