ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކި މުވައްޒަފުންތަކެއް ވަކިކުރަމުންދާ ދިއުމަކީ ސަރުކާރުން ހިންގާ އަނިޔާވެރި ޖަރީމާއެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތް ތިން މަސް ތެރޭގައި 33 ޕަސެންޓަށް މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް މިދިޔަ އޭޕްރީލް މަހު އެންގި އެންގުމަށް އަމަލުކުރަން ޕީސީބީން އަލުން ކުންފުނިތަކަށް މިދިޔަ ހަފްތާގެ ތެރޭގައި އެންގުމާ ގުޅިގެންނެވެ.
ޕީސީބީއާއި ސަރުކާރުގެ ނިންމުމާ ގުޅިގެން ސޯޝަލްމީޑިއާގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ނިވަލުގައި ސަރުކާރު އޮވެ، އެމްޑީޕީގެ އާންމު މެންބަރުންނާއި އިސްލާހަށް ލޯބިކުރާ ދިވެހި ރައްޔިތުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ވަޒީފާއިން ވަކި ކުރަމުންދަނީ އެއްވެސް ސުމާރެއްނެތި ކަމަށެވެ.
ޝާހިދު ވިދާޅުވީ ކުންފުނިތަކުން އެމްޑީޕީގެ މެންބަރުން ވަކިކުރަނީ ސަރުކާރުން ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި، ސަރުކާރު ދެމެހެއްޓެމުގެ ހީލަތްތެރި ވިސްނުމުގައި ކަމަށެވެ. މިއީ އިގްތިސާދު ހީނަރުވެ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެތައް ރައްޔިތުންނެއް ބިކަކޮށް އާއިލާތައް އިނދަޖައްސާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މިކަން ވަގުތުން ހުއްޓާލައި ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތްކޮށް ދިނުމަށް ސަރުކާރަށް ގޮވާލަމެވެ،" ޝާހިދު ވިދާޅުވި އެވެ.
ބޭއިންސާފާއި ކުރިމަތިލާންޖެހޭ ކޮންމެ ރައްޔިތެއްގެ ހިމާޔަތުގައި އެމްޑީޕީ ދެމި އޮނަނާނެ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި ބަދަލު ހޯދައިދޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.






