ވަޒީފާތަކުން މީހުން ކުރަމުން ދިއުމަކީ އާއިލާތަކެއް އިނދަ ޖައްސާލަން ސަރުކާރުން ހިންގާ ޖަރީމާއެއް: ޝާހިދު

ވަޒީފާތަކުން މީހުން ކުރަމުން ދިއުމަކީ އާއިލާތަކެއް އިނދަ ޖައްސާލަން ސަރުކާރުން ހިންގާ ޖަރީމާއެއް: ޝާހިދު

މިހާރުގެ ސަރުކާރުން ސިޔާސީ މަގުސަދެއްގައި ވަޒީފާތަކުން މީހުން ވަކިކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި އެކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕްރައިވަޓައިޒޭޝަން ބޯޑުގެ ނިވަލުގައި އޮވެ ސަރުކާރުން އެމްޑީޕީގެ އާންމު މެންބަރުންނާއި އިސްލާހަށް ލޯބިކުރާ ދިވެހި ރައްޔިތުން ރާއްޖޭގެ އެކި ހިސާބުތަކުން ވަޒީފާތަކުން ވަކިކުރަމުން ދަނީ އެއްވެސް ސުމާރެއް ނެތި ކަމަށެވެ. އަދި މިއީ ސަރުކާރު ހިންގާ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބެހުމަށާއި، ސަރުކާރު ދެމެހެއްޓުމުގެ ހީލަތްތެރި ވިސްނުމެއްގައި ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އިގްތިސާދީ ގޮތުން ދަތި، އަދި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިގޮތަށް ވަޒީފާތަކުން މީހުން ވަކިކުރުމަކީ އެތައް ރައްޔިތުންނެއް ބިކަކޮށް، އާއިލާތައް އިނދަ ޖައްސާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ހިންގާ އިސްރާފާއި ކޮރަޕްޝަން ހުއްޓާލުމަށް ޝާހިދު ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ، އެ ފައިސާ ސަލާމަތްކޮށް، ރައްޔިތުންނަށް ވަޒީފާގެ ކަށަވަރުކަން ހޯދައިދޭން ޖެހޭ ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މިފަދަ ބޭއިންސާފާ ކުރިމަތިލާންޖެހޭ ކޮންމެ ރައްޔިތެއްގެ ހިމާޔަތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށާއި، އެމްޑީޕީގެ ވެރިކަމެއްގައި އެފަދަ ފަރާތްތަކަށް ބަދަލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *