ސްޕެއިންގެ މޮޅަކީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ހޯދި ކާމިޔާބީއެއް: އިރާން

ސްޕެއިންގެ މޮޅަކީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ހޯދި ކާމިޔާބީއެއް: އިރާން

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިން ހޯދި ތާރީޚީ ކާމިޔާބީއަށް އިރާނުގެ ސަރުކާރުގެ އިސް އޮފިޝަލުން މަރުހަބާ ވިދާޅުވެއްޖެއެވެ.

އިރާނުގެ ސަރުކާރުން މި ކާމިޔާބީ ސިފަ ކޮށްފައި ވަނީ ހަމައެކަނި ކުޅިވަރުގެ މައިދާނުގައި ލިބުނު މޮޅެއްގެ ގޮތުގައެއް ނޫނެވެ. އިރާނުގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި، ސްޕެއިން މޮޅުވުމަކީ އެމެރިކާ އާއި އިޒްރޭލުގެ އަނިޔާވެރި ސިޔާސަތުތަކާ ދެކޮޅު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ލިބުނު ބޮޑު އުފަލެކެވެ.

މިކަމާ ގުޅޭގޮތުން އިރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، ސްޕެއިންގެ ކުޅުންތެރިންނަކީ ފަލަސްތީނުގެ ހައްގުގައިވެސް އަޑުއުފުލައި މަސައްކަތް ކުރާ ބައެއް ކަމަށެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ދުނިޔޭގެ ގިނަ ބައެއްގެ ސަޕޯޓް ލިބުނު މައިގަނޑު އެއް ސަބަބަކީ، ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި އިރާނަށް ދެމުންދާ ހަމަލާތަކަށް ސްޕެއިން ސަރުކާރުން ފާޅުގައި ފާޑުކިޔައި، ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައިވާ ނިންމުމެވެ.

މި މެޗުގެ ފޯރި ސިޔާސީ މައިދާނުގައި ގަދަވެގެންދިޔަ އަނެއް ސަބަބަކީ، އިޒްރޭލުގެ ވެރިންނާއި ސަޕޯޓަރުން ފާޅުގައި އާޖެންޓީނާއަށް ތާއީދުކުރުމެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފައިނަލް މެޗުގެ ކުރިން ވަނީ އޭނާ ތާއީދުކުރަނީ އާޖެންޓީނާއަށް ކަމަށް ބުނެފައެވެ. އާޖެންޓީނާގެ މިހާރުގެ ރައީސް ހާވިއޭ މިލެއި އަކީ އިޒްރޭލުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ، އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫއާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.

އާޖެންޓީނާއަކީ ޒަމާނުންސުރެ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް ދެކޮޅު ހަދަމުންދާ ގައުމެކެވެ. އެހެންކަމުން، ގިނަ ބަޔަކު ދެކޭގޮތުގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވުމަކީ، އިޒްރޭލާއި އެ ގައުމަށް ވާގިވެރިވާ ފަރާތްތަކަށް ލިބުނު ސިޔާސީ ނާކާމިޔާބީއެއްގެ ގޮތުގައެވެ.

މި މުބާރާތުގެ ތެރޭގައި ސްޕެއިންގެ ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިން ފަލަސްތީނުގެ ދިދަ ބޭނުންކޮށް، ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށްފައިވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *