ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަންއާ ވަކިވިއިރު، އޭނާގެ ކުރީގެ އަންހެނުން ސުޒޭން ޚާން ކައިވެނި ރޫޅުމުގެ ބަދަލެއްގެ ގޮތުގައި (އެލިމަނީ) 400 ކްރޯޑް ރުޕީސް ހޯދަން އެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސުޒޭންގެ ދައްތަ ފަރާ ޚާން އަލީ ދޮގުކޮށްފިއެވެ.
ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ގަހަނާ ފަރުމާކުރާ ފަރާ ޚާން ބުނީ، ސުޒޭން އަކީ "ގޯލްޑް ޑިގަރ" އެއް ނުވަތަ ފައިސާގެ ދަހިވެތިކަމުގައި އުޅޭ މީހެއް ނޫން ކަމަށާއި، އޭނާ ރިތިކްގެ އަތުން އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ހޯދާފައި ނުވާ ކަމަށެވެ.
"އަހަރެން ހިތުގައި ވަރަށް ވޭން އަޅާ އޮންލައިންކޮށް މީހުން 400 ކްރޯޑް ރުޕީސް ސުޒޭންއަށް ލިބުނު ކަމަށާއި އޭނާ މުއްސަނދިވި ކަމަށް ބުނާތީ. އެއީ މުޅިން ދޮގު ވާހަކައެއް،" ފަރާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އެމީހުންގެ އާއިލާއިންނާއި މަންމަ އަބަދުވެސް ދަސްކޮށްދީފައިވަނީ މާއްދީ ތަކެއްޗަށްވުރެ ގުޅުންތައް މުހިންމު ކަމަށެވެ.
މި ޚަބަރުތައް ފެތުރުނު ދުވަސްވަރު ސުޒޭން ކައިރީގައި މިކަން ދޮގުކޮށް ބަޔާނެއް ނެރުމަށް އެދުނު ކަމަށާއި، ނަމަވެސް ސުޒޭން ބުނީ މީހުން ހީކުރާ އެއްޗަކަށް އޭނާ ފަރުވާލެއް ނެތް ކަމަށް ފަރާ ހާމަކުރިއެވެ.
ރިތިކް އާއި ސުޒޭން ކައިވެނި ކުރީ 2000 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. މި ދެމަފިރިންނަށް ދެ ފިރިހެން ކުދިން (ހްރިހާން އަދި ހްރިދާން) ލިބިފައިވާއިރު، 2013 ވަނަ އަހަރު ވަކިވެ، 2014 ވަނަ އަހަރުގެ ނޮވެމްބަރުގައި ވަނީ ރަސްމީކޮށް ވަރިވެފައެވެ. ކައިވެނި ރޫޅުނު ނަމަވެސް، ދެމީހުންގެ މެދުގައި އަދިވެސް ގާތް ރަހުމަތްތެރި ގުޅުމެއް އޮވެއެވެ. އޭގެ ސަބަބަކީވެސް ސުޒޭން ކަންކަން ކުރި ހަރުދަނާ ގޮތް ކަމަށް ފަރާ ފާހަގަކުރިއެވެ.






