އަޑުއަހަން ފަސޭހަ ވާހަކައަކަށް ނުވި ނަމަވެސް، މިއީ މުޅިން ތެދު ވާހަކައެކެވެ. އެމެރިކާގެ އުތުރު ކެރޮލައިނާއަށް ނިސްބަތްވާ ޖުވެލް ޝުޕިންގް އަކީ ކުޑަކުޑަ އިރުއްސުރެ ލޯ އަނދިރި މީހަކަށް ވާން ބޭނުންވި އަންހެނެކެވެ. އުމުރުން އެންމެ 3 އަހަރުން ފެށިގެން އޭނާގެ ހިތުގައި އުފެދުނު މި އާދަޔާ ހިލާފު ޝައުގުވެރިކަމަކީ، ނަފްސާނީ ބައްޔެއްގެ ސަބަބުން ދިމާވި ކަމެކެވެ.
ޖުވެލްއަށް ޖެހިފައިވަނީ "ބޮޑީ އިންޓެގްރިޓީ އައިޑެންޓިޓީ ޑިސްއޯޑާ" ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ނަފްސާނީ ބައްޔެކެވެ. މިއީ ސިއްހަތު ސަލާމަތުން ހުންނަ އިންސާނަކު، އޭނާގެ ހަށިގަނޑުގެ އެއްވެސް ގުނަވަނެއް އުނިވެފައި ހުރުމަށް ނުވަތަ ނުކުޅެދުންތެރި މީހަކަށް ވާން ބޭނުންވުމެވެ. މި ބަލި ތަހައްމަލުކުރާ މީހުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ހަށިގަނޑު ފުރިހަމަވާނީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ހުރެގެންނެވެ.
އުމުރުން 21 އަހަރުގައި ޖުވެލް ނިންމީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. އެގޮތުން، އޭނާއަށް އެހީތެރިވެދޭނެ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެއް އޭނާ ހޯދިއެވެ. އަދި އެ ޑޮކްޓަރުގެ އެހީތެރިކަމާއެކު، އޭނާގެ ދެ ލޮލަށް "ޑްރެއިން ކްލީނާ" އެޅިއެވެ.
"އޭގެއިން ލިބުނު ތަދާއި ވޭން ބަޔާން ކުރަންވެސް ދަތި. އެކަމަކު އެވަގުތުވެސް އަހަރެންގެ ހިތަށް އެރީ، އަހަރެން މިދަނީ ކަނުވަމުންނޭ، ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ،" ޖުވެލް ބުންޏެވެ.
"އަހަރެން ވަރަށް އުފާވި. އަހަންނަށް އިހުސާސް ކުރެވުނީ އެއީ އަހަރެން ހަގީގަތުގައިވެސް ހުންނަންޖެހޭ ގޮތް ކަމަށް." އޭނާ ބުންޏެވެ.
މި ހާދިސާއަށްފަހު، ގާތްގަނޑަކަށް 6 މަސް ދުވަހުގެ ތެރޭގައި ޖުވެލްގެ ދެލޮލުގެ ފެނުން މުޅިން ގެއްލި، އޭނާ ބޭނުންވި ގޮތަށް މުޅިން އަނދިރިވިއެވެ.
ޖުވެލްގެ ލޮލުގެ ފެނުން ގެއްލުނީ އެކްސިޑެންޓަކުން ނޫންކަމާއި، އޭނާ އަމިއްލައަށް ގަސްތުގައި ކުރި ކަމެއްކަން އެނގުމުން އޭނާގެ އާއިލާއިން ވަނީ އޭނާއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. ނަމަވެސް، ޖުވެލް ބުނާ ގޮތުގައި އޭނާ މިހާރު ހުރީ ވަރަށް އުފަލުންނެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ބޭރުފުށުން ފެންނަން ހުރީ އޭނާގެ ހިތް އެދުނު ގޮތަށް ކަމަށް އޭނާ ގަބޫލު ކުރެއެވެ.
މިއަދު ޖުވެލް މަސައްކަތް ކުރަމުން ދަނީ މިބައްޔާ މެދު މީހުން ހޭލުންތެރި ކުރުވުމަށެވެ. އޭނާ އެހެން މީހުންނަށް އިންޒާރު ދެނީ އޭނާ ފަދައިން ނުރައްކާތެރި އުކުޅުތައް ބޭނުން ނުކުރުމަށެވެ. އެހެންނަމަވެސް، އޭނާގެ އަމިއްލަ ނިންމުމަށް އިހުތިރާމް ކުރުމަށާއި، އޭނާއަކީ އަބަދުވެސް މިގޮތަށް ހުންނަން ބޭނުންވި މީހެއް ކަމަށް ބުނެ އޭނާގެ ދިފާއުގައި ވާހަކަ ދައްކައެވެ.






