ޖަޕާނުގެ ސަރުކާރުން އެޤައުމުގެ ވިސާ ފީތައް 5 ގުނަ ބޮޑުކުރުމަށް ނިންމައި، އެ ނިންމުމަށް ޢަމަލު ކުރަން ފަށައިފިއެވެ.
1978 ވަނަ އަހަރުގެ ފަހުން ޖަޕާނުގެ ވިސާ ފީއަށް ބަދަލެއް ގެނައި މިއީ ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު، ކުރިން 3،000 ޔެން (ގާތްގަނޑަކަށް 18 ޑޮލަރު) އަށް ލިބުނު ސިންގަލް-އެންޓްރީ ވިސާގެ އަގު މިހާރު ވަނީ 15،000 ޔެން (ގާތްގަނޑަކަށް 93 ޑޮލަރު) އަށް އުފުލިފައެވެ. އަދި ގިނަ ފަހަރު އެތެރެވޭ ގޮތަށް ދޫކުރާ މަލްޓިޕަލް-އެންޓްރީ ވިސާގެ އަގު 6،000 ޔެންއިން 30،000 ޔެން (ގާތްގަނޑަކަށް 186 ޑޮލަރު) އަށް ވަނީ ބޮޑުވެފައެވެ.
ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބަދަލު ގެންނަން ޖެހުނީ ފާއިތުވި ބައި ގަރުނެއްހާ ދުވަހު އަގުތަކަށް ބަދަލު ނައިސް ހުރުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް އައިސްފައިވާ އިންފްލޭޝަނާއި ފައިސާގެ އަގަށް އައި ބަދަލުތަކާ އެއްހަމަ ކުރުމުގެ ގޮތުންނެވެ.
މި ބަދަލުގެ ސަބަބުން ޖަޕާނަށް ދަތުރުކުރާ ފަރާތްތަކުން ވިސާ ނަގަންޖެހޭ މިންވަރަށް ބަދަލެއް ނައި ނަމަވެސް، ދަތުރުގެ ޚަރަދުތަކަށް ބޮޑު ބަދަލެއް އަންނާނެއެވެ. ހަމައެއާއެކު، ޖަޕާނުން މިހާރު ދަނީ އެޤައުމަށް އެތެރެވުމުގެ ނިޒާމު އިތުރަށް ޑިޖިޓަލްކޮށް، "އީ-ވިސާ" ގެ ޚިދުމަތް ފުޅާކުރަމުންނެވެ.





