އިންޑިއާގެ ރޭލުތަކުގައި ފަސިންޖަރުންނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ސާފުތާހިރުކަމާއި ފެންވަރާ މެދު ބޮޑެތި ސުވާލުތަކެއް އުފެދި, އިންޑިއަން ރޭލްވޭސް އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ރޭލެއްގެ ތެރޭގައި ކާތަކެތި ތައްޔާރުކުރާ ކޮމްޕާޓްމަންޓް ތެރޭގައި ކަން ހިނގަމުން ދިޔަ ގޮތް ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވުމާ ގުޅިގެންނެވެ.
ރޭލުން ދަތުރުކުރި ފަސިންޖަރަކު ނަގާފައިވާ މި ވީޑިއޯ ފަށަމުން އޭނާ ވަނީ ރޭލުން ދަތުރުކުރާއިރު ރޭލުން ލިބޭ ކާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ މެސެޖެއް ދީފައެވެ. "އަހަރެން މި ދައްކާލަނީ ރޭލުން ދަތުރުކުރާއިރު ތައްޔާރުކުރާ ކާތަކެތި ކާ މީހުންނަށް ހާއްސަ ވީޑިއޯއެއް. ބަލާލަބަލަ ކަލޭމެނަށް އެ ކާންދޭ ތަކެތި ހަދަނީ ކިހިނެއްތޯ،" ވީޑިއޯއިން ވާހަކަދެއްކި މީހާ ބުނެފައިވެއެވެ.
އެއަށްފަހު ކެމެރާ އަނބުރާލަނީ ރޭލުގެ ކާތަކެތި ބަހައްޓާފައި ހުރި މޭޒަށެވެ. މޭޒުމަތީގައި ހުރި ގިނަ އަދަދެއްގެ ތަށިތަކުގައި ކާތަކެތި ހުރިއިރު، އެއްވެސް އެއްޗެއް ހުރީ މަތިޖަހާ ފޮރުވާފައެއް ނޫނެވެ. ބޮޑަށް ބިރުގަންނަންޖެހޭ ކަމަކީ، ކެމެރާ ރޭލުގެ ސީލިންގާ ދިމާލަށް އަނބުރާލުމުން ފެނުނު މަންޒަރެވެ. ރޭލުގެ އެއާކޮންޑިޝަނަރު ޑަކްޓުން ފޭބި ކަމަށް ބެލެވޭ ފެންތިކިތައް ސީދާ ވެއްޓެމުންދިޔައީ ތިރީގައި ހުރި ކާތަށިތަކުގެ ތެރެއަށެވެ.
މި ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ދަނީ އިންޑިއާގެ ރޭލުތަކުގެ ބެލެހެއްޓުމާއި ސާފުތާހިރުކަމުގެ ފެންވަރު ދަށްކަމުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ފަސިންޖަރުންގެ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މި ހާދިސާއާ ގުޅިގެން ރޭލްވޭސްގެ ކަމާބެހޭ އިދާރާތަކުން މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ބެލެވޭއިރު، މީގެ ކުރިންވެސް އިންޑިއާގެ ރޭލުތަކުގެ ކާތަކެތިން ޖަރާސީމާއި ސޫފި ފެނުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.





