ދިވެހިރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށުމުގެ ތާރީޚުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްޞަ ފޮތެއް ކަމަށްވާ "އިހުން މިއަދާއި ހަމައަށް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ފޮތް އިފްތިތާހުކޮށްދެއްވީ ދިވެހި ސަރުކާރުން ދެމުންގެންދާ ދަތުގެ ޚިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
މި ފޮތަކީ ދިވެހިރާއްޖޭގެ ސަރުކާރުން ދަތުގެ ފަރުވާ ދިނުން ފެށިގެން ދިޔަ ގޮތާއި، ޑިޕާޓްމެންޓުގެ ޚިދުމަތްތައް ތަރައްޤީވެގެން އައި ގޮތް ބަޔާންކޮށްދޭ ފޮތެކެވެ. މި ދިގު ދަތުރުގައި ޝާމިލްވި ބޭފުޅުންގެ ތަޖުރިބާއާއި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ފޮތުގެ މައިގަނޑު މަޤްޞަދެވެ. ފޮތް އެކުލަވާލާފައިވަނީ ސީނިއަރ ޑެންޓަލް އޮފިސަރ ހައުލަތު މުޙައްމަދު އަދި ޑެންޓަލް އޮފިސަރ އީމާން މުޙައްމަދެވެ.
ރަސްމިއްޔާތުގައި ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަލްފާޟިލް ޢަލީ ސަލީމުގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ. އަދި ދަތުގެ ފަރުވާގެ ދާއިރާއަށް ޚިދުމަތްކޮށްދެއްވި 9 ފަރާތެއްގެ އަގުވަޒަންކޮށް އެވޯޑު އަރުވާފައިވެއެވެ.
ރާއްޖޭގައި ސަރުކާރުގެ ފަރާތުން ރަސްމީކޮށް ދަތުގެ ފަރުވާ ފަށާފައިވަނީ 8 ޖުލައި 1975 ގައެވެ. ގަވަރންމެންޓް ހޮސްޕިޓަލުގައި ޑެންޓަލް ޔުނިޓެއް ޤާއިމްކުރެވުނީ އަލްފާޟިލް މުޙައްމަދު ސަލީމާއި، އަލްމަރްޙޫމް ޢަލީ ސަލީމް އަދި އަލްފާޟިލް ޢަބްދުﷲ ސަޢީދުގެ އިސްނެންގެވުމާއެކުގައެވެ. އެ ކުރިންވެސް 1967 ވަނަ އަހަރުން ފެށިގެން ސިލޯނުން ތަމްރީނު ހޯއްދެވި ތިން ދިވެހި ބޭފުޅުން ދަތްޖަހައިދިނުމުގެ ޚިދުމަތް ދެއްވަމުން ގެންދެވިއެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ބޭރުގެ ޑަކްޓަރުންގެ ޚިދުމަތް ލިބެން ފެށުމާއެކު ޒަމާނީ ފަރުވާތައް ރާއްޖެއަށް ތަޢާރަފްވިއެވެ. 1995 ވަނަ އަހަރު އައިޖީއެމްއެޗް ހުޅުވުމާއެކު ޑެންޓަލް ކްލިނިކް އެ ހޮސްޕިޓަލަށް ބަދަލުވެ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ދިޔައެވެ.
މިއަދު މި ޚިދުމަތަށް 50 އަހަރު ފުރިގެންދާއިރު، ސަރުކާރުގެ އަމާޒަކީ ޚިދުމަތް އިތުރަށް ފުޅާކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ޑެންޓަލް އެސިސްޓެންޓުން ތަމްރީނުކުރުމުގެ ކޯހެއް ފެށުމަށް ވެސް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.





