މެކްސިކޯގެ ޖަލިސްކޯ ސްޓޭޓްގެ ލާގޯސް ޑެ މޮރޭނޯ ސަރަހައްދުގައި ސައިކަލު ވަގުން ހިފައި، އެމީހުންގެ މޫނުގައި ކުރެހުމަށްފަހު މަގުމަތީގެ ހޮޅިދަނޑިތަކުގައި ޓޭޕްއަޅައި ބަންނަމުންދާ "ވިޖިލާންޓޭ" ހޯދުމުގެ މަސައްކަތް އެގައުމުގެ ފުލުހުން ފަށައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް މިގޮތަށް ޓޭޕްއަޅައި ހޮޅިދަނޑިތަކުގައި ބަނދެފައި ހުރި ފަސް ފިރިހެނަކު ވަނީ ފެނިފައެވެ. މި ސިލްސިލާ ފެށިފައި ވަނީ މި ހިނގާ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.
މި "ބެޓްމޭން" ގެ ޝިކާރައަކަށްވާ މީހުންނަށް އަދަބުދީފައި ހުންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ވަގުންގެ މޫނުގައި އެކިކަހަލަ ކުރެހުން ކުރަހާފައި ހުރެއެވެ. އެމީހުންގެ މޫނުގައި ސްޕެނިޝް ބަހުން "ވަގު" މި ލަފުޒު ލިޔެފައިވެއެވެ. ކުށްވެރިން ކުރި ކުށް ސާބިތުކޮށްދީ، މެސެޖެއް ދިނުމުގެ ގޮތުން އެމީހުން ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ސައިކަލުތައްވެސް ބަހައްޓާފައި ހުންނަނީ އެމީހުން ބަނދެފައި ހުންނަ ހޮޅިދަނޑި ކައިރީގައެވެ.
"މިއީ ކުށްވެރިންނަށް މެސެޖެއް ދިނުމަށާއި، އާންމުންގެ ސަމާލުކަމަށް މިކަން ގެނައުމަށް ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ،" ފުލުހުންގެ ތަހުގީގާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާތަކާ ގުޅިގެން މެކްސިކޯގެ ފުލުހުން ދަނީ މި އަމަލު ހިންގާ ފަރާތް ހޯދުމަށް ބޮޑު ތަހުގީގެއް ހިންގަމުންނެވެ. އާންމުންގެ ބައެއް މީހުން މި "ބެޓްމޭން" އަށް ތާއީދުކުރި ނަމަވެސް، ފުލުހުން ހާމަކުރާ ގޮތުގައި ގާނޫނު އަމިއްލައަށް ތަންފީޒު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިހާތަނަށް އައިއިރު މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.






