އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ޤަތަރުގެ ވެރިރަށް ދޯހާގައި މަޝްވަރާތަކެއް ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން އެކަން ދޮގުކޮށް، އެއްވެސް ފެންވަރެއްގައި އެމެރިކާއާއެކު މަޝްވަރާ ނުކުރާނެ ކަމަށް ބުނެފިއެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ، ދޯހާގައި ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވަނީ އީރާނުން ކަމަށާއި، މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުން ކަމަށެވެ. އަދި މި މަޝްވަރާތަކުގައި އެމެރިކާ ތަމްސީލުކުރެއްވުމަށް ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ ދޯހާއަށް ވަޑައިގަންނަވާނެކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.
ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވަނީ ޓްރަމްޕްގެ މި ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާއާއެކު އެއްވެސް ފެންވަރެއްގެ މަޝްވަރާތަކެއް ނުބާއްވާނެ ކަމަށެވެ. އެހެންނަމަވެސް، އީރާނުގެ ބައެއް އިސް އޮފިޝަލުންނާ ޙަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޤަތަރާއި ޕާކިސްތާނުގެ މެދުވެރިންނާއެކު އެމެރިކާ އަދި އީރާނުގެ ޓެކްނިކަލް ޓީމުތަކުން ވަކިވަކިން ބައްދަލުވުންތަކެއް ބާއްވާނެއެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް މުހިންމު މަގެއްކަމަށްވާ ހޯރމޫޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމެވެ.
މިކަމާ ގުޅިގެން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާން ވިދާޅުވީ، އެމެރިކާއިން އެއްބަސްވުންތަކަށް އަމަލުކުރާނަމަ، އީރާނުންވެސް އެގޮތުގައި ދެމިއޮންނާނެކަމަށާއި މިއީ ދެފަރާތުންވެސް ފުރިހަމަކުރަންޖެހޭ ކަމެއް ކަމަށެވެ.
މި މަޝްވަރާތަކުގެ ވާހަކަ ދެކެވެމުން މިދަނީ، އެމެރިކާއާއި އީރާނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރެވިފައިވާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދީފައިވާއިރު، އޭގެ ރައްދުގައި އީރާނުން ވަނީ ކުވައިތާއި ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައެވެ.






