އެއްލާލާފައި އޮތް ފޮށްޓެއްގެ ތެރެއިން 17 އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެ

އެއްލާލާފައި އޮތް ފޮށްޓެއްގެ ތެރެއިން 17 އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެ

ތައިލެންޑުގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއް ކަމަށްވާ ޕަޓާޔާގެ ރޭލު ދަގަނޑެއް ކައިރިއަށް އެއްލާލާފައި އޮތް ފޮށްޓެއްގެ ތެރެއިން 17 އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލައެއްގައި އޮސްޓްރޭލިއާގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފޮށިގަނޑެއްގެ ތެރެއިން ފެނުނު ޓުންޗަނޮކް ޑޮންހޮމްލާ ނަމަކަށް ކިޔާ މި ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ ސައިމަން ކާމަން ނަމަކަށް ކިޔާ އޮސްޓްރޭލިއާގެ ރައްޔިތެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފްލައިޓެއްގައި ފިލަން އުޅެނިކޮށް ބެންކޮކްގެ ސުވަރްނާބޫމީ އެއާޕޯޓުންނެވެ.

ފުލުހުންގެ ތަހުގީގަށް ސީސީޓީވީ ފުޓޭޖްތަކުން ދައްކާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ އަންހެން ކުއްޖާ ވަނީ ސައިމަންއާއެކު އެޕާޓްމަންޓަކަށް ވަދެފައެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، ސައިމަން އެ އިމާރާތުން ބޭރަށް ނިކުތީ ބޮޑު ކަޅު ފޮށްޓެއް ހިފައިގެންނެވެ. އަދި އެ ފޮށި ސައިކަލެއްގެ ފަހަތަށް ބަރުކޮށްގެން އޭނާ ދާ މަންޒަރު ވެސް ފުޓޭޖްތަކުން ފެނެއެވެ.

އަންހެން ކުއްޖާގެ ހަށިގަނޑު ފެނުނީ އޭނާގެ ރަހުމަތްތެރިން އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމުން ހިންގި ހޯދުންތަކުގެ ތެރެއިންނެވެ. ފުލުހުންނަށް ފޮށިގަނޑު ފެނުނުއިރު، އޭގެ ތެރޭގައި އޮތް ކުއްޖާގެ ހަށިގަނޑުގައި ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމުގެ ނިޝާންތައް ހުއްޓެވެ. ހާއްސަކޮށް މޫނުމަތީގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ސައިމަން ހައްޔަރުކުރިއިރު އޭނާގެ ހަށިގަނޑުން ވެސް ކުރިމަތިލުމެއް ހިނގާފައިވާ ކަމުގެ ނިޝާންތައް (ނިޔަފަތި އެޅުމުގެ ނިޝާންތައް) ފެންނަން ހުއްޓެވެ. ނަމަވެސް އޭނާ ފުރަތަމަ ބުނެފައިވަނީ އެއީ ފައިދިގުމަކުނެއް ގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ. ފަހުން އޭނާ ވަނީ އެ ކުއްޖާ މަރުވީ އަމިއްލަ ދިފާއުގައި އުޅުމުގެ ތެރޭގައި ކަމަށް ބުނެފައެވެ. އޭނާ ތުހުމަތުކުރި ގޮތުގައި އެ އަންހެން ކުއްޖާ ވަނީ ވަޅިއަކުން އޭނާއަށް ބިރުދައްކާފައެވެ.

މި މައްސަލައިގައި ސައިމަންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އިތުރުން، ކުޑަކުއްޖަކު ޖިންސީ ބޭނުމަކަށް ރަހީނުކުރުމާއި، ކުށުގެ ހެކި ފޮރުވުމަށްޓަކައި މައްޔިތާގެ ހަށިގަނޑު ފޮރުވި ކަމުގެ ދައުވާ އުފުލުމަށް ފުލުހުން ދަނީ ތައްޔާރުވަމުންނެވެ. އޮސްޓްރޭލިއާގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓުން ވަނީ ތައިލެންޑުގައި އެގައުމުގެ ރައްޔިތަކު ހައްޔަރުކޮށްފައިވާތީ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން ކަށަވަރުކޮށްދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *