މުސްކުޅި ވަމުންދާ ސްޕޭސް ޓެލެސްކޯޕެއް ކަމަށްވާ "ސްވިފްޓް އޮބްޒަވޭޓަރީ" ދުނިޔެއަށް ވެއްޓުމުން ސަލާމަތް ކުރުމަށްޓަކައި، ކާއިނާތުގެ ބޮޑު ރެސްކިއު މިޝަނެއް ފެށުމަށް ނާސާ އިން ތައްޔާރުވާން ފަށައިފިއެވެ.
މި މަސައްކަތަކީ 30 މިލިއަން ޑޮލަރުގެ ބޮޑު އޮޕަރޭޝަނެކެވެ. މި މިޝަންގެ ދަށުން، ނާސާ އިން ވަނީ "ކެޓަލިސްޓް ސްޕޭސް ޓެކްނޮލޮޖީސް" ކިޔާ އައު ކުންފުންޏަކާ ހަވާލުކޮށްގެން، ސްވިފްޓް ޓެލެސްކޯޕް މިހާރު ހުރި އޯބިޓަށް ވުރެ މަތީ އޯބިޓަކަށް ޖައްސައިދޭނެ ރޮބޮޓިކް އުޅަނދެއް ތައްޔާރުކޮށްފައެވެ. "ލިފްޓް" ގެ ނަމުން ނަންދެވިފައިވާ މި ރޮބޮޓިކް އުޅަނދުގައި ތިން އަތް ހުންނައިރު، މިއީ ލެގޯ ފިގާރތަކުގެ އަތްތަކާ ވައްތަރު ގޮތަކަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.
ޕެސިފިކް ކަނޑުގެ މާޝަލް އައިލެންޑްސްއިން ފޮނުވާލާ މި އުޅަނދު، އަންގާރަ ދުވަހު ލޯންޗުކުރުމަށް ވަނީ ރޭވިފައެވެ.
2004 ވަނަ އަހަރުން ފެށިގެން ޖައްވުގައި ދަތުރުކުރަމުންދާ ސްވިފްޓް ޓެލެސްކޯޕަކީ ކާއިނާތުގައި ހިނގާ ބޮޑެތި ގޮވުންތައް ހޯދުމުގައި ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. ނަމަވެސް، ފަހަކަށް އައިސް އިރުގެ ހަރަކާތްތައް އިތުރުވުމުގެ ސަބަބުން، މި ޓެލެސްކޯޕް ދަނީ ވަރަށް ހަލުވިކަމާއެކު ދުނިޔެއާ ދިމާލަށް ތިރިވަމުންނެވެ. މިހާރު މި ޓެލެސްކޯޕް ހުރީ ދުނިޔެއިން ފެށިގެން 224 މޭލު މަތީގައެވެ. ނަމަވެސް މިއަންނަ އޮކްޓޯބަރު މަހާ ހަމައަށް މިއަށްވުރެ މަތީ އޯބިޓަކަށް ނުގެންދެވިއްޖެނަމަ، މިއީ އަނބުރާ ސަލާމަތްނުކުރެވޭނެ ހިސާބަށް ދާނެއެވެ.
މި ރޮބޮޓިކް އުޅަނދަށް ސްވިފްޓްއާ ހަމައަށް ދިއުމަށް މަހެއްހާ ދުވަސް ނަގާނެއެވެ. އަދި އޭގެ ފަހުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޓެލެސްކޯޕް 373 މޭލު މައްޗަށް އުފުލައިދޭނެއެވެ. ކަންކަން ރޭވިފައިވާ ގޮތަށް ދާނަމަ، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްވިފްޓް ޓެލެސްކޯޕް އަލުން އޮޕަރޭޝަނަށް އަންނާނެއެވެ.
ނާސާގެ އެސްޓްރޯފިޒިކްސް ޑައިރެކްޓަރ ޝޯން ޑޮމަގަލް-ގޯލްޑްމަން ވިދާޅުވި ގޮތުގައި، މިއީ އެއްވެސް މީހަކަށް ކުރެވިދާނެ ކަމަށް ގަބޫލުކުރެވުނު ކަމެއް ނޫނެވެ. ނަމަވެސް މިހާރު މިވަނީ މި މަސައްކަތް ކާމިޔާބުވުމާ ގާތްވެފައެވެ.
ކެޓަލިސްޓް ކުންފުނީގެ ސީ.އީ.އޯ ގޮންހީ ލީ ވިދާޅުވި ގޮތުގައި، މިއީ އެމެރިކާގެ ރޮބޮޓެއް ޖައްވުގައި މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރެވެ. މި މިޝަން ކާމިޔާބުވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ނާސާގެ އެހެން ބޮޑެތި ޓެލެސްކޯޕްތައް ވެސް ސަލާމަތްކުރުމުގެ މަގު ހުޅުވިގެންދާނެއެވެ. އޭގެ ތެރޭގައި ދުނިޔެއަށް ތިރިވަމުންދާ މަޝްހޫރު "ހަބްލް ސްޕޭސް ޓެލެސްކޯޕް" ވެސް 2028 ވަނަ އަހަރު މިފަދަ ގޮތަކަށް ސަލާމަތްކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ






