ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ، އެ ދެމަފިރިންގެ ކައިވެނީގެ ގުޅުމާ ބެހޭގޮތުން ހައިރާންކުރުވަނިވި ވާހަކަތަކެއް ހާމަކޮށްފިއެވެ.
ސުނީތާ މި ވާހަކަތައް ހާމަކުރީ "ލޮކް އަޕް: ސަޗް ޔާ ސަޒާ" ރިއަލިޓީ ޝޯގެ ދެވަނަ ސީޒަންގެ ޕްރެމިއާގައެވެ. އޭނާ ބުނި ގޮތުގައި ގޯވިންދާއާ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ގޯވިންދާ އެހެން އަންހެނުންނާ އެކު "ގިނަ ސިއްރު ގުޅުންތަކެއް" ބާއްވާފައިވެއެވެ.
ޝޯގެ ހޯސްޓުން ކަމަށްވާ ފަރާ ހާން އަދި ރިތޭޝް ދޭޝްމުކްއާ ވާހަކަދައްކަމުން ސުނީތާ ބުނީ، މީހަކުދެކެ ހަގީގީ ލޯބިވާނަމަ އެމީހެއްގެ ފަރާތުން ފެންނަ ހުރިހާ ކަމަކަށް ކެތްކުރަންޖެހޭނެ ކަމަށެވެ.
"ލޯބިވާއިރު ހުރިހާ ކަމަކަށް ކެތްކުރަންޖެހޭނެ. ޗީޗީ (ގޯވިންދާ) އޭނާގެ ހަޔާތުގައި ކިތައް އެފެއާ ހިންގިތޯ؟ އެކްޓަރުންނާއި އެކްޓްރެސްއިންގެ މެދުގައި އެފަދަ ކަންކަން ހިނގާ، އަދި މިހާ ގިނަ އަހަރުތަކެއް ވަންދެން ޗީޗީއާއެކު އަހަރެން ކެތްތެރިކަމާއެކު އުޅުނިން، އަސުނީތާ ބުންޏެވެ.
މީގެ އިތުރުން ސުނީތާ ވަނީ ކައިވެނީގެ ތެރެއަށް "ތިންވަނަ މީހަކު" ވަނުމުން ކަންތައްތައް ހުތުރުވެގެންދާ ކަމަށް ބުނެފައެވެ. އަދި މީގެ ކުރިން ގޯވިންދާގެ އަމިއްލަ ފިސްތޯލައިން އޮޅުމަކުން އޭނާގެ ފައިގެ ކަކުލަށް ވަޒަން އެރި ހާދިސާއަށް އިޝާރާތްކޮށް، ސުނީތާ ވަނީ ސަމާސާ ރާގަކަށް "ކަކުލަށް ވަޒަން އަރާނީ ހަޔާތަށް އެހެން މީހަކު އައުމުން" ކަމަށް ބުނެ ގޯވިންދާއަށް ފާޑުކިޔާފައެވެ.
ގޯވިންދާ އާއި ސުނީތާ 1987 ވަނަ އަހަރު ކައިވެނިކުރި އިރު، އެމީހުންގެ ކައިވެނީގެ ގުޅުން ވަރަށް ބޮޑަށް ސިއްރުކޮށްގެން އުޅުނެވެ. ފާއިތުވި މަސްތަކުގައި މި ދެމަފިރިން ވަރިވާން އުޅޭކަމުގެ އަޑުތަކެއް އެރި ނަމަވެސް، ދެމީހުން ވަނީ އެކަން ދޮގުކޮށް، މައްސަލަތައް ހައްލުކޮށްގެން އެކުގައި އުޅެން ނިންމާފައެވެ. ސުނީތާގެ މި ފަހުން ހާމަކުރި ވާހަކަތަކާއެކު، ބޮލީވުޑްގައި މި ދެމަފިރިންގެ ވާހަކަ އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.






