އެއާޕޯޓުގެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ރާއްޖޭގެ މުހިންމު ތިން އިދާރާއަކާއެކު މިއަދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުންތައް ގާއިމުކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) އަދި މޯލްޑިވްިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އާއެކުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މި އެއްބަސްވުންތަކުގެ ސަބަބުން އެއާޕޯޓް އޮޕަރޭޓަރާއި ކަމާބެހޭ އިދާރާތަކާ ދެމެދު ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީ އޮނިގަނޑެއް ގާއިމުވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ކުއްލި ހާލަތްތަކުގައިވެސް މެދުނުކެނޑި ޚިދުމަތް ދޭންޖެހޭ ތަނަކަށްވުމުން، މުއައްސަސާތަކުގެ މެދުގައި އޮންނަ މިފަދަ ގުޅުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ފަހުމުނާމާތަކުގެ ދަށުން، އެމް.އޭ.ސީ.އެލް އާއި ގުޅިފައިވާ އިދާރާތައް ގުޅިގެން ތަމްރީނު ޕްރޮގްރާމްތަކާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ސިމިއުލޭޝަން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ހާދިސާއެއް ހިނގާ ވަގުތު އެކަކު އަނެކަކަށް މައުލޫމާތު ބަދަލުކުރުމަށްޓަކައި ހަރުދަނާ މުއާސަލާތީ ނިޒާމެއް ގާއިމުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އިބްރާހީމް މިމްރާހުގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރި އިދާރާތަކުގެ އިސްވެރިންނާއި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފްގެ އިތުރުން އެކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *