ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލަކަށް ހެލްތު މިނިސްޓަރު ގީލާ އަލީ ޖަވާބު ނުދެއްވި މައްސަލައާ ގުޅިގެން، ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވި ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މެންބަރު ސޯބެ އައްޑޫ ބަހުރުވައިން ސުވާލު ކުރެއްވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނަފްސާނީ ބައްޔަށް ބޭސްކުރާ މީހުންނަށް ބޭހާއި އިންޖެކްޝަން ނުލިބޭ މައްސަލައާއި، ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ފެށޭނެ ތާރީޚާ ގުޅޭގޮތުންނެވެ. ނަމަވެސް މިނިސްޓަރު ގީލާ ވިދާޅުވީ އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލު ދޭހަނުވި ކަމަށާއި، އެކަމަނާއަކީ އައްޑޫ ބޭފުޅަކަށް ނުވާތީ އެ ބަހުރުވަ އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް މިނިސްޓަރު ވަނީ އޭއީއެޗްގެ އައު އިމާރާތުގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އައްޑޫ ބަހުރުވައަކީ ވެސް ދިވެހި ބަސް ކަމަށެވެ. ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ކޮންމެ ރަށަކަށް ނިސްބަތްވިޔަސް، ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވިޔަސް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ މެންބަރަކު އައްޑޫ ބަހުން ސުވާލު ކުރެއްވުމުން އެއީ މަޖާ ކަމަކަށް ހައްދަވައި، މެންބަރަށް ރައްދުވާ ގޮތަށް ދެއްވި ޖަވާބަކީ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ކުރެއްވި މަލާމާތެއް ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.
އެފަދަ ގޮތަކަށް ޢަމަލު ނުކުރެއްވުމަށް ސަރުކާރުގެ އިސްވެރިންނަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހަކީ ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ އަޑު އިއްވާ ތަނަކަށް ވާތީ، ބަހުރުވައިގެ ތަފާތުތަކަށް އިޙްތިރާމް ކުރުމުގެ މުހިންމުކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.






