އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލިކަމުގެ ކުށް، ސާބިތުވި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް އަދަބު ކަނޑައެޅުން އަން ޖުލައި މަހުގެ އެއްވަނަ ދުވަހު ބާއްވަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކުރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާޒިމް އެގޮތަށް ނިންމެވީ، މާވިންގެ ދިފާއީ ވަކީލުން އެދުނު އެދުމުގެ މައްޗަށެވެ. މޭރީ ގްރޭސް މަރާލިކަމުގެ ކުށް، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އަދާބާބެހޭ ގޮތުން ވާހަކަ ދައްކަން މިއަދުގެ އަޑުއެހުމުގައި މާވިންއަށް ފުރުސަތު ދިނެވެ.
ނަމަވެސް މާވިންގެ ވަކީލް އެދުނީ ދިރާސާ ކުރުމަށް ފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ. އެހެންކަމުން އެފުރުސަތު ދެއްވުމަށްފަހު، ގާޒީ ނިންމެވީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވުމަށެވެ.
މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި މީގެ ކުރީން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައި ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައި ވާތީ ކަމަށެވެ.
މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީވެސް ފިރިމީހާ މާވިންއެވެ. އެއިއިރު އެތާނގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި އޭނާ ބުނެފައިވަނީ މޭރީ ގްރޭސް މަރުވެފައި ވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.
މޭރީ ގްރޭސްގެ މަރާލި މައްސަލައިގައި މާވިން ހައްޔަރު ކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބައްލަވާ ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް މޭރީއަށް ފަރުވާދިން ޑޮކްޓަރުންގެ ހެކިބަސްދީފައިވާ ކަމަށާއި، އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކެއްގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވާ ކަމަށެވެ.
މޭރީއަށް ހަމަލާދިން މަންޒަރު ފެނުނު އެއްވެސް މީހަކު ނެތް ނަމަވެސް އޭނާ ދިރިހުއްޓާ އެންމެފަހުން ފެނުނީ އޭނާ ދިރިއުޅުނު ގެއަށް ވަންނަނިކޮށް ކަމަށާއި، އޭރު މާވިން ވެސް އެ ގޭގައި ހުރިކަން ހެކިތަކުން އެނގޭއިރު، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅުވާލައިގެން ދެއްކި ދޮގު ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާއިރު، އެފަދަ ފޮޓޯތަކެއް ހުންނަންޖެހޭ ސަބަބެއް މާވިންއަށް ބުނެދެވިފައެއް ނުވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ތަކަށް ހަވާލާ ދެއްވައި، މަރުވި މީހާއާއެކު އެންމެފަހުން އުޅުނު މީހަކީ ގާތިލް ކަމަށް، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ގާޒީ ވިދާޅުވީ، މޭރީ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މާވިންއާއެކު ކަން ހެކިތަކުން އެނގޭތީ، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބަލާއިރު މޭރީ މަރާލީ މާވިން ކަމަށް ބަލަންޖެހޭ ކަމަށެވެ. އެހެންކަމުން މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގާޒީ ނިންމެވިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި މާވިންގެ އިތުރުން ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. ލަމްހާއަށް ދައުވާ ކޮށްފައިވަނީ، މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނަމަވެސް އެ މައްސަލައިގައި އަދި ގޮތެއް ނުނިމެއެވެ.
މި މައްސަލައާ ގުޅިގެން މާވިން އާއި ލަމްހާ ހައްޔަރު ކުރީ އޮކްޓޫބަރު، 2021 ގައެވެ. މިމައްސަލާގައި ބަންދުގައި ހުއްޓާ މާވިން ވަނީ އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފަ އެވެ.






