އިސްލާމީ ތައުލީމާއި ތަރުބިޔަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ޝައިހް އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެއެވެ.
ޝައިހް އިސްމާއީލް އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކަށްފަހު، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރެވެ.
ދ. މީދޫ އަށް އުފަން ޝައިހް އިސްމާއީލްއަކީ، މަދީނާ ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. ތައުލީމު ހާސިލުކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން، ދިއްދޫ އިބްރާހީމް ކަލޭފާނުގެ އެހީތެރިކަމާ ގުޅިގެން "ޠައިބާ" ގެ ނަމުގައި، އަރަބި ބަހުން އިސްލާމްދީން ކިޔަވައިދޭ މަދަރުސާއެއް ހިންގެވިއެވެ.
ޝައިހް އިސްމާއީލްގެ ހިދުމަތާ ގުޅިގެން 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ. ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ، ޑރ. އަލީ ޒާހިރު، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ، ޝައިހް އަހްމަދު ސަމީރު ހިމެނޭ ގޮތަށް ގިނަ ބޭފުޅުންތަކެއް ތައްޔާރުކޮށްދެއްވިއެވެ. ޝައިހް އިސްމާއީލްގެ ހިދުމަތުގެ އަގުވަޒަންކޮށް، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ވަނީ އޮނަރަރީ ޑޮކްޓަރޭޓް ދެއްވާފައެވެ.
ޝައިހް އިސްމާއީލް އަވަހާރަވިއިރު ހުޅުމާލޭގައި މިސްކިތެއް ބިނާ ކުރައްވަމުން ގެންދެވިއެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައެވެ.





