ހޮރްމުޒް ކަނޑުއޮޅި ހުޅުވަން ދެކޮޅު ހަދައި، މިއަދު އީރާނުގެ ސަރުކާރުން ބަޔާނެއް ނެރެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ދެ ގައުމު ދެމެދު ހިނގަމުންދާ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން، މާދަމާ ހޮރްމުޒް ކަނޑުއޮޅި ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވާލެވޭނެ ކަމަށެވެ. ޕާކިސްތާނާ ހަވާލާދީ ލިބޭ މައުލޫމާތުން، ސުލްހައިގެ ވާހަކަތަކުގައި އެންމެ ހަރަކާތްތެރިކޮށް އުޅެނީ އިސްލާމްއާބާދުން ކަމަށްވާއިރު، މާދަމާ މަޝްވަރާގައި އީރާނުން ސޮއިކުރާނެ ކަމަށް ބެލެވޭ ކަމުގައި ބައެއް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް، އީރާނުން ބުނީ މާދަމާ އެ އެއްބަސްވުމުގައި ސޮއި ނުކުރާނެ ކަމަށެވެ. ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލައި، ލުބުނާނާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަޤީންކަން ދީ، ޢަމަލުން ދެއްކުމުން ނޫނީ ހޮރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
އީރާނުގެ މުޝީރު މުހައްމަދު މުޚްބަރް ވިދާޅުވީ، އެމެރިކާއިން އީރާނުގެ މަސްލަހަތަށް ފުރިހަމައަށް އިހުތިރާމު ނުކުރާހާ ހިނދަކު ހަނގުރާމަ ކުރިއަށްދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނަކީ އަސްކަރީ ގާބިލު ގައުމެއްކަމަށާއި އީރާނުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
އެމެރިކާ ސިފައިން މިފަހުން ވަނީ އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީ، ސިރިކް ކައުންޓީގެ ބޯފެން ރައްކާކުރާ ދެ ތަނަކަށް ގެއްލުން ދީފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ 20،000 އަށްވުރެ ގިނަ ރައްޔިތުންނަށް ބޯފެން ލިބުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ.
އީރާނުން ބުނާ ގޮތުގައި އެމެރިކާއާއެކު އެއްވެސް އެއްބަސްވުމެއް ގާއިމުކުރެވޭނީ އީރާނުގެ ކަމާބެހޭ މުއައްސަސާތަކުން އެކަން ދިރާސާކޮށް، ފައިނަލް ކުރުމުންނެވެ. އަދި އީރާނުގެ ރައްޔިތުންގެ މަސްލަހަތަށް އުނިކަން އަންނަ އެއްވެސް ކަމެއްގައި ދޫނުދޭނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.





