ރެއާލް މެޑްރިޑުގެ ހެޑް ކޯޗުގެ މަގާމަށް، ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ އަލުން އައްޔަން ކޮށްފިކަން އެ ކްލަބުން ކަށަވަރުކޮށްދީފިއެވެ.
އުމުރުން 63 އަހަރުގެ މޮރީނިއޯ ރެއާލް މެޑްރިޑާއެކު ސޮއި ކޮށްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ރަސްމީކޮށް މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވާނީ އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު، ޕްރީ-ސީޒަން ތަމްރީނުތަކަށް ޓީމު އެނބުރި އައުމުންނެވެ.
މޮރީނިއޯ ބާނަބާއުއަށް ގެނައުމަށްޓަކައި ރެއާލް މެޑްރިޑުން ވަނީ ބެންފީކާއަށް ބަދަލުގެ ގޮތުގައި 13 މިލިއަން ފައުންޑް (15 މިލިއަން ޔޫރޯ) ދައްކާފައެވެ.މިއީ ރެއާލްގައި އޭނާ ހޭދަކުރި ފުރަތަމަ ދައުރު ނިމުނުތާ 13 އަހަރު ފަހުން އެ ކްލަބާ ގުޅޭ ދެވަނަ ފަހަރެވެ.
މި ތަޖުރިބާކާރު ކޯޗު ރެއާލްއަށް ގެނައުމަކީ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އިންތިޚާބީ ވައުދެކެވެ. މި މަހު ކުރިއަށްދިޔަ ކްލަބުގެ ރިޔާސީ އިންތިޚާބުގައި، ވާދަވެރި ކެންޑިޑޭޓް އެންރީކޭ ރިކުއެލްމޭ ބަލިކޮށް، އުމުރުން 79 އަހަރުގެ ޕެރޭޒް ވަނީ 65 އިންސައްތަ ވޯޓާއެކު ކާމިޔާބީ ހޯއްދަވާފައެވެ.





