އެމެރިކާގެ ވިސާ ހޯދާ މީހުން އަތުން ޓްރަމްޕް ނަގަން ނިންމި 1 ލައްކަ ޑޮލަރަކީ ގާނޫނާޚިލާފަށް ނަގާއެއްޗެއް: ފަނޑިޔާރު

އެމެރިކާގެ ވިސާ ހޯދާ މީހުން އަތުން ޓްރަމްޕް ނަގަން ނިންމި 1 ލައްކަ ޑޮލަރަކީ ގާނޫނާޚިލާފަށް ނަގާއެއްޗެއް: ފަނޑިޔާރު

މެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެޗް-1ބީ (H-1B) ވިސާ ހޯދާ ފަރާތްތަކުގެ އަތުން ނަގަން ކަނޑައެޅި 100,000 ޑޮލަރުގެ ފީއަކީ ގާނޫނާ ޚިލާފު އެއްޗެއް ކަމަށް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ކަނޑައަޅުއްވައިފިއެވެ.

ފަނޑިޔާރު ލިއޯ ސޮރޮކިން ކުރެއްވި މި ހުކުމުގައި ބަޔާން ކޮށްފައިވަނީ، ވިސާ ފީއަކީ ޓެކްސެއްގެ ގޮތުގައި ނެގުމުގެ ބާރު ރައީސަށް ލިބިގެން ނުވާ ކަމަށެވެ. އެމެރިކާގެ އިމިގްރޭޝަން ސިޔާސަތަށް ބަދަލު ގެނެސް ފީ ނެގުމުގެ އިޚްތިޔާރު އޮތީ ހަމައެކަނި އެ ގައުމުގެ ކޮންގްރެސްއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ފީއަކީ ރައީސް ޓްރަމްޕް މިދިޔަ ސެޕްޓެމްބަރު މަހު ނެރުއްވި ރިޔާސީ ގަރާރަކުން ކަނޑައެޅުއްވި ފީއެކެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ސްޓޭޓްތަކުގެ އެޓާނީ ޖެނެރަލުންގެ ގްރޫޕަކުންނެވެ. ނިއު ޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް މި ނިންމުމަށް މަރުހަބާ ވިދާޅުވެ ވިދާޅުވީ، މިއީ އެޗް-1ބީ ވިސާ ޕްރޮގްރާމް ހަލާކުކޮށްލަން ސަރުކާރުން ކުރި މަސައްކަތް ނިމުމަކަށް އައި ދުވަސް ކަމަށެވެ.

މި ފީ ކަނޑައެޅުމުގެ ކުރިން، އެޗް-1ބީ ވިސާގެ ފީއަކީ 2,000 ޑޮލަރާއި 5,000 ޑޮލަރާ ދެމެދުގެ އަގެކެވެ. މި ވިސާއަކީ ޚާއްސަ ދާއިރާތަކުން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭރު ގައުމުތަކުގެ ފަންނީ މަސައްކަތްތެރިންނަށް އެމެރިކާގައި މަސައްކަތް ކުރުމަށް ދޫކުރާ ވިސާއެކެވެ.

މި ހުކުމާ ގުޅިގެން ވައިޓް ހައުސް އިން ބުނެފައިވަނީ، އެމެރިކާގެ މަސްލަހަތަށް ގެއްލުންހުރި ބަޔަކު އެ ގައުމަށް އެތެރެވުން ހުއްޓުވުމުގެ ގާނޫނީ ބާރު ރައީސަށް ލިބިގެންވާ ކަމަށެވެ. އަދި މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ވެސް ވައިޓް ހައުސް އިން ވަނީ ހާމަކޮށްފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *