ކުޅުދުއްފުށިން "އިތުބާރު" ޓީމަށް ހޫނު މަރުހަބާއެއް: މޭޔަރު އާތިފްގެ ތާއީދު މީކާއިލަށް

ކުޅުދުއްފުށިން "އިތުބާރު" ޓީމަށް ހޫނު މަރުހަބާއެއް: މޭޔަރު އާތިފްގެ ތާއީދު މީކާއިލަށް

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވަނިކޮށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި "އިތުބާރު" ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީން ފަސްތަރީގެ މަރުހަބާއެއް ކިޔައިފިއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް، ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމަށް ފާޅުގައި ތާއީދު އިއުލާން ކުރެއްވުމެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް ޞާލިޙާއި މީކާއިލް ނަސީމް ހިމެނޭ "އިތުބާރު" ޓީމުން އަންގާރަ ދުވަހު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން، އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ނުކުމެ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އަންގާރަ ދުވަހު "އިތުބާރު" ޓީމުން ވަނީ ކުޅުދުއްފުށީގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، މި ޓީމުން ހަނިމާދޫއަށް ވަޑައިގެން އެ ރަށުގެ ކެމްޕެއިން ޓީމާ ބައްދަލުކުރައްވައި، އިންތިޚާބުގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ދަތުރުފުޅުތަކުގައި ރައީސް ޞާލިޙާއި މީކާއިލްގެ އިތުރުން ކެމްޕެއިން ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިހާރު އަނެއްކާވެސް މި ޓީމު ކުޅުދުއްފުށީގައި ތިބިއިރު، އަންގާރަ ދުވަހުގެ ރޭ ކެމްޕެއިންގެ އިތުރު ހަރަކާތްތަކެއް އެ ސިޓީގައި ކުރިއަށްދާނެއެވެ. އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ މި އިންތިޚާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

މި ދަތުރުފުޅުތަކަކީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި މީކާއިލް ނަސީމަށް އޮތް ތާއީދު އިތުރުކުރުމަށާއި، ޕާޓީގެ އެތެރޭގެ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކެއް ކަމަށް އެ ޓީމުން ފާހަގަކުރެއެވެ. ކުޅުދުއްފުށީގެ މޭޔަރުގެ ތާއީދާއެކު، އެ ސިޓީގައި "އިތުބާރު" ޓީމުގެ ހަރަކާތްތައް އިތުރަށް ވަރުގަދަވެ، ކެމްޕެއިނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *