ހަނިމާދޫ ކައުންސިލްގެ ފުރިހަމަ ތާއީދު މީކާއީލަށް، ރައީސް ސޯލިހާއެކު އުތުރުގެ ކެމްޕެއިން ފޯރީގައި

ހަނިމާދޫ ކައުންސިލްގެ ފުރިހަމަ ތާއީދު މީކާއީލަށް، ރައީސް ސޯލިހާއެކު އުތުރުގެ ކެމްޕެއިން ފޯރީގައި

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މީކާއިލް ނަސީމަށް ތާއީދު ހޯއްދެވުމަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި "އިތުބާރު" ކެމްޕެއިން ޓީމުން ހދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ހަނިމާދޫ ކައުންސިލްގެ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދު މީކާއިލަށް އޮތްކަން ހާމަކޮށްފިއެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހާއި މީކާއިލްގެ އިތުރުން ކެމްޕެއިން ޓީމުގެ އިސް ބޭފުޅުން އަންގާރަ ދުވަހުގެ ހަވީރު ހަނިމާދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ހަނިމާދޫގައި ބޭއްވި ބައްދަލުވުމުގައި އެ ރަށު ކައުންސިލްގެ ހުރިހާ މެންބަރުން ވަނީ ކުރިއަށް އޮތް އިންތިޚާބުގައި މީކާއިލަށް ތާއީދުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއީ މީކާއިލްގެ ކެމްޕެއިނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޓީމުން ފާހަގަކުރެއެވެ.

ހަނިމާދޫގެ އިތުރުން "އިތުބާރު" ޓީމުން ވަނީ ކުޅުދުއްފުށި ސިޓީގައިވެސް ވަރުގަދަ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އަންގާރަ ދުވަހު ކުޅުދުއްފުށީގައި ދޮރުން ދޮރަށް ހިނގައި، އާންމު މެންބަރުންނާ ބައްދަލުކޮށް ތާއީދު ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އަންގާރަ ދުވަހުގެ ރޭވެސް އެ ސިޓީގައި ކެމްޕެއިންގެ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ދަތުރުފުޅަކީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. ރައީސް ސޯލިހު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދަވާ މި ކެމްޕެއިންގެ މަގްސަދަކީ ޕާޓީގެ މެންބަރުންގެ އިތުބާރު ލިބިފައިވާ ހިންގުންތެރި ޓީމެއް ޕާޓީގެ އިސް މަގާމުތަކަށް އިންތިޚާބު ކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *