އީރާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، ބަޙްރައިންގައި ޤާއިމުކޮށްފައިވާ އެމެރިކާގެ ފަސްވަނަ ފްލީޓުގެ މަރުކަޒަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އިސްލާމީ އިންޤިލާބީ ލަޝްކަރު (އައި.އާރް.ޖީ.ސީ) އިން ބުނެފިއެވެ.
މި ކުރިމަތިލުންތައް ފެށިގެން އައީ ހޯމަ ދުވަހު ސްޓްރެއިޓް އޮފް ހޮރްމޫޒް ސަރަޙައްދުން އެމެރިކާގެ އެޕާޗީ ހެލިކޮޕްޓަރެއް ވައްޓާލި ކަމަށް ބުނާ ހާދިސާއާ ގުޅިގެންނެވެ. އެ ހެލިކޮޕްޓަރުގެ ދެ ޕައިލެޓުން ދެ ގަޑިއިރުގެ ތެރޭގައި ސަލާމަތުން ނެގުނު ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވެއެވެ. އެ ހާދިސާއަށް ރައްދުދިނުމުގެ ގޮތުން އެމެރިކާއިން ވަނީ އީރާނުގެ ޖާސްކް، ސިރިކް އަދި ޤެޝްމް ޖަޒީރާގައި ހުރި ވައިގެ ދިފާޢީ ނިޒާމުތަކާއި ރޭޑާ ސައިޓުތަކަށް ހަމަލާދީފައެވެ.
އީރާނުގެ ޚާތަމުލް އަންބިޔާ މައި މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ހަމަލާ ދީފައި ވަނީ އައި.އާރް.ޖީ.ސީ އާއި އީރާނުގެ ސެނާ ގުޅިގެން ކަމަށެވެ. "އެމެރިކާގެ ކުށްވެރި ލަޝްކަރުން ޢުދުވާން ތަކުރާރުކޮށްފި ނަމަ ސަރަޙައްދުގެ ކަނޑައެޅިފައިވާ އަމާޒުތަކަށް މިއަށް ވުރެ ވަރުގަދަ އަދި ފުޅާ ހަމަލާތައް ދެވޭނެ" ކަމަށް އެ ބަޔާނުގައި އިންޒާރު ދީފައިވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޣްޗީ ވިދާޅުވީ އެމެރިކާއިން އީރާނުގެ ޢަޒުމް ޓެސްޓުކުރަން ނިންމީ ކަމަށެވެ. "ސަލާމަތްވާން ބޭނުމިއްޔާ އަހަރެމެންގެ ސަރަޙައްދުން ފައިބާ" ޢައްބާސް ޢަރާޣްޗީ ވިދާޅުވިއެވެ. އަނެއްކޮޅުން ސެންޓްކޮމް އިން ވަނީ މިއީ "ޕްރޮޕޯޝަނަލް ރެސްޕޮންސް" އެއް ކަމަށް ސިފަކޮށް، އެމެރިކާގެ ފައުޖުތައް ހުޝިޔާރުކަމާ އެކު ދެމިތިބޭނެ ކަމަށް ބުނެފައެވެ.
މި ކުރިމަތިލުންތަކާ ގުޅިގެން ބަޙްރައިންގައި އެލާމް ސައިރަން އެކްޓިވޭޓް ކޮށް، ރައްޔިތުން ރައްކާތެރި ތަންތަނަށް ދިއުމަށް އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. ތެލުގެ ބާޒާރުގައި ބްރެންޓް ކްރޫޑް %0.9 މައްޗަށް ގޮސް ފީފާއެއް 92.29 ޑޮލަރަށް އަރާފައިވެއެވެ. ކުރިން ޤާއިމުކޮށްފައި އޮތް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ރޫޅި ބަދަލު ހަމަލާގެ ސިލްސިލާއެއް ފެށިދާނެތޯ ނުވަތަ ސުލްޙައިގެ ވާހަކަތައް ކުރިއަށް ދާނެތޯ، އެ ސުވާލު މެދުއިރުމަތީގައި ބޮޑުވެފައިވެއެވެ.





