އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމުގެ އަޑުއެހުން މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.
ހުކުމް ކުރުމުގެ އަޑުއެހުން އޮތީ މިއަދު ހަވީރު 4:00 ގައެވެ. މީގެކުރިން، މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރިއެވެ. އެ ދުވަހުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކުރީ މެންދުރުފަހު 1:00 އަށެވެ.
ނަމަވެސް، އޭނާގެ ދިފާއީ ވަކީލް ރާއްޖޭން ބޭރުގައި ހުންނެވުމުން އަޑުއެހުން އެ ދުވަހު ފަސްކުރީއެވެ. ޕީޖީ އޮފީހުން ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އޭގެ ތެރެެއިން އެއް ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ކުށް ސާބިތުވެެއްޖެ ނަމަ، 3 އަހަރާއި 2މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދެވަނަ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެެެވެ. އެ ދައުވާ ސާބިތު ވެއްޖެ ނަމަ، 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ތިން ވަނައަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއެވެ. އެ ދައުވާ ސާބިތު ވެއްޖެ ނަމަ، 1 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑާކުރި ފައިސާގެ އަދަދު)ގެ ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާނެއެވެ.
މި ދައުވާތަކަށް ޝަމްއާން ވަނީ އިންކާރު ކޮށްފައެވެ.





