ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ނުވަވަނައަށް އޮސްޓްރޭލިއާ އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އާދިއްތަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާ އިން 20،878 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ 970،581 ފަތުރުވެރިންގެ 2.2 ޕަސެންޓެވެ.
މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮސްޓްރޭލިއާއަށް ފެށީ ނިމުނު މޭ މަހު އެވެ. އޭ330 މަރުކާގެ ބޯޓުގައި ކުރާ މި ދަތުރުތައް ބޭއްވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މެލްބަންއާ ދެމެދުގަ އެވެ. ގަދަ ދިހައިގެ ލިސްޓުގައި ޗައިނާ ފުރަތަމަ ތަނުގައި އޮތް އިރު، ދެ ވަނައިގައި ރަޝިއާ، ތިން ވަނައިގައި އިނގިރޭސިވިލާތް، ހަތަރު ވަނައިގައި އިޓަލީ، ފަސް ވަނައިގައި ޖަރުމަނު، ހަ ވަނައިގައި އިންޑިއާ، ހަތް ވަނައިގައި ފްރާންސް، އަށް ވަނައިގައި އެމެރިކާ، ދިހަ ވަނައިގައި ސްވިޓްޒަލޭންޑް އޮތެވެ.
ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ކިޔާއިރު 4.7 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މި އަދަދު ދަށަށް ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި، އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަނދުކޮށްފައި އޮތުމުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އައސްފައިވާ ޝޮކެވެ.





