އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް ކަންތައްތައް ކުރިއަށްދާ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ އަށް މީކާއީލް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޗެއާޕާސަން އިންތިޚާބަށް ފ. ފީއަލި، ލ. އިސްދޫ-ކަލައިދޫ، ލ. މަތިމަރަދޫ، އަދި ގއ. ވިލިނގިލި ގައި ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައި ވަނީ ސްކޫލް ތަކުގެ ބަދަލުގައި ހަރުގޭގައި ކަމަށެވެ. ހަމަ އެ ސިޓީގައި، ވޯޓުލުމުގެ ކަންކަން ވީހާވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ސްކޫލް ތަކުގައި ފޮށި ބެހެއްޓުމަށް ނިންމާފައި ވަނިކޮށް، ހަތަރު ރަށުގައި ހަރުގޭގައި ފޮށި ބެހެއްޓުމަށް ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ހަމައެހެންމެ، ފ. ފީއަލީގައި ތިބި ވަކި ފަރާތެއްގެ ސަޕޯޓަރުން ގަނޑުކޮށް ވޯޓު ލާނެ ކަމަށް ފާޅުގައި ބުނެފައިވާ ކަމަށް ތުހުމަތުކުރައްވައި، ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ތަން ބަދަލުކުުރުމަކީ ހަމަ އެ ވާހަކައަށް ބާރު ލިބޭ ކަމެއް ކަމަށް ވެސް މީކާއީލް ސިފަ ކުރައްވާ ފައިވެ އެވެ. ކަންމިހެން ހުރުމާ ހިތާ، ހަތަރު ރަށުގައި ވެސް ވޯޓު ފޮށިތައް ސްކޫލްތަކުގައި ބެހެއްޓޭ ގޮތް ހެދުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.
ހުުކުުރު ދުުވަހު ބޭއްވުުމަށް ހަމަ ޖެހިފައިވާ ޗެއާޕާސަން އިންތިޚާބުގައި ވާދަ ކުުރައްވަނީ މީކާއީލްގެ އިތުުރުުން ކުުރީގެ ރައީސް މުުހައްމަދު ނަޝީދެވެ. ތިން ވަނަ ކެންޑިޑޭޓެއްގެ ގޮތުުގައި ނަން ހުށަހެޅުުއްވި އިބްރާހީމް މުުހައްމަދު (ވާޑު) ވަނީ ފަހުުން މީކާއިލަށް ތާއީދު ހާމަ ކުުރައްވައި ނަން އަނބުުރާ ގެންދެވުމަށް ނިންމަވާ ފަ އެވެ. ޗެއާޕާސަން ކެމްޕޭނުގައި ނަޝީދު ކުުރިއަށް ދެއްވަނީ ކުުރީގެ ޗެއާޕާސަން ފައްޔާޟު އިސްމާއީލްގެ ތާއީދާ ހިތާ ކަމަށްވާ ވިރު، މީކާއިލަށް ތާއީދު ހޯދައިދެއްވަން ކުުރީގެ ރައީސް އިބްރާހިމް މުުހައްމަދު ޞާލިހް ވަނީ ނިކުުމެ ވަޑައިގެންފައެވެ.





