އަމިއްލަ ކުންފުޏެއް ކަމަށްވާ ސުވެނިއާ މެރިން ޕްރައިވެޓް ލިމިޓެޑަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ފެނަކައި ގެ "މާވަށި ދޯނި" މަރާމާތު ކުރުމުގެ މަސައްކަތް، ސުވެނިއާ މެރިން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމުން އެ މަސައްކަތް ނިންމަފައިވީ ނަމަވެސް އެއްބަސްވެފައިވާ އަގުކަމަށްވާ 753،638 ރުފިޔާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް މެރިން ޕްރައިވެޓް ލިމިޓެޑުން ދައުވާކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލައަށް ޖަވާބުދާރީވަމުން ފެނަކައިން ބުނެފައިވަނީ އެ ފައިސާ އަކީ އެ ކުންފުނިން ދޭންޖެހޭ ފައިސާއެއްކަމަށް އެއްބަސްވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ހުކުމްކުރާ ދުވަހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާނެ ކަމަށް ވެސް ބުންޏެވެ.
ފެނަކައިން އެއްބަސްވި ގޮތަށް ހުކުމްކޮށްދިނުމުގައި އިއުތިރާޒެއް ނެތްކަމަށް މެރިން ޕްރައިވެޓް ލިމިޓެޑުން ކޯޓުގައި ބުންޏެވެ.
އެހެންކަމުން ދެމަސް ދުވަހުގެ ތެރޭގައި އެންމެހާ ފައިސާއެއް ސިވިލްކޯޓަށް ދައްކައި ހަލާސްކުރުމަށް ފެނަކައިގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.





