ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އެއްވެސް ބަޔަކު ބާކީނުކޮށް އެންމެން ގޮވައިގެން ކުރިއަށް ގޮސްގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަމުން ގެންދަވާ މީކާއިލް ނަސީމުގެ ޓީމުން ގދ. ތިނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން، އެއް ޕާޓީއަކުން ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ، ހަމައެކަނި ވަށައިގެން ތިބި ބަޔަކު ކައިރިކޮށްގެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ގިނަ ބަޔަކަށް ގަބޫލުކުރެވޭ ސިޔާސަތުތަކެއް ޕާޓީގައި އޮންނަންޖެހޭ ކަމަށާއި، ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް، މީކާއިލްގެ ޗެއާޕާސަން ކަމުގައި ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖަލްސާ ނިންމަވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީ ކުރިއަށް ނުދާ ނަމަ، ރައްޔިތުންނަށް އަނެއްކާވެސް ފަސް އަހަރު މަގުމަތީގައި ތިބެންޖެހިދާނެ ކަމަށެވެ. މީކާއިލްގެ ސިޔާސަތުތައް ރަނގަޅު ކަމަށް ފާހަގަކުރައްވާ، އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް ކުރިއަށް ދިއުމަށް ވެސް ރައީސް ސޯލިހް ގޮވާލެއްވި އެވެ.





