ގަލްފު ސަރަހައްދުގައި ހިންގަމުންދާ ހަނގުރާމައިގެ ތެރެއިން، އެމެރިކާ އާއި އިރާނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
ހޮރްމުޒް ކަނޑުއޮޅިއަށް އިރާނުން ފޮނުވި ހަތަރު ޑްރޯން، ކަނޑުގެ ދަތުރުފަތުރަށް ނުރައްކަލެއް ކަމަށް ބަލައި، އެމެރިކާ ސިފައިން ވަނީ ވައްޓާލާފަ އެވެ. ދެން ރައްދު ދިނުމުގެ ގޮތުން، އިރާނުގެ ޑްރޯންތަކާއި ރޭޑާ ސައިޓްތަކަށް އެމެރިކާ ސިފައިން ހަމަލާ ދިނެވެ.
ރައްދު ދިނުމުގެ ގޮތުން، ކުވެއިތުގައި ހުރި އެމެރިކާގެ ދެ ވައިގެ މަރުކަޒަކަށާއި ބަހްރޭންގައި ހުރި ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށް، އިރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިނެވެ. ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި، ފޮނުވި ހަތް މިސައިލްގެ ތެރެއިން ހަ މިސައިލް ވައިގެ ތެރޭ ގޮއްވާލެވި، ހަލާކުކުރެވިފައިވެ އެވެ. ބަހްރޭން، ކުވެއިތު، ޔޫއޭއީ، އަދި ގަތަރުން ވެސް ވަނީ އިރާނުގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ.
އިރާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ރޭޑާ މަރުކަޒުތަކަށް ދިން ހަމަލާއަކީ އިރާނުގެ އިސްތިގުލާލަށް އަރައިގަތުމެއް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ. އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނި ގޮތުގައި ހަމަލާ ދިނީ ދުޝްމަނުންގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް، މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފައެވެ. ދާއިމީ ސުލްހައަކަށް ކުރެވޭ މަޝްވަރާތައް ހުއްޓިފައިވާ މި ދަނޑިވަޅުގައި، ދެ ފަރާތުން ހަމަލާ ބަދަލުކުރަމުން ދިއުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރުވެރިކަން ބޮޑެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައެވެ. އިރާނުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ދަނީ ތަކުރާރުކޮށް އެމީހުންގެ ޝަރުތުތައް ބަދަލުކުރަމުންނެވެ. ޓްރަަމްޕްގެ އަމަލުތަކުގެ ސަބަބުން ދާއިމީ ސުލްހައިގެ ވާހަކަތައް ދިގުލައިގެން ގޮސް ހަނގުރާމަ އެއްކޮށް ނިންމުމަށް ވަނީ ހުރަހަކަށްވެފަ އެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ދާއިމީ އެއްބަސްވުމެއްގައި ސޮއިކުރެވެންދެން، ދަތިކުރުމުގެ ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހު އިރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތީގައި ވަނީ ހަނގުރާމައިގެ ހުޅު ރޯވެފައެވެ. އީރާނުން ވަނީ މީގެ ރައްދުގައި ގަލްފުގެ ގައުމުތަކަށް ހަމަލާދީ، ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ.
މިކަމުގެ ސަބަބުން މުޅި ދުނިޔޭގައި ތެލާ ގޭހުގެ އަގު އުފުލި މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ވަނީ ބޮޑު ހީނަރުކަމެއް އައިސް މުދަލުގެ އަގު އެތަށް ގުނައެއް އުފުލިފައެވެ. ހަނގުރާމަ ދިގުލައިގެންދާނަމަ ދުނިޔޭގައި ފަގީރުކަމާއި ހައިހޫނުކަން ފެތުރުމުގެ ބިރުވެރިކަން އެބަ އޮތެވެ.





