ހިތާމަ އާއި، ކަންބޮޑުވުމާއި، އަދި ނުތަނަވަސްކަމާ ކުރިމަތިލާނެ ގޮތްތަކާއި، މިކަންކަމަކީ އިންސާނީ ތަބީއަތުގެ ބައެކެވެ.
އިންސާނުންނަކީ ހަމައެކަނި ޖިސްމާނީ ބައެއް ނޫނެވެ. އަހަރެމެންނަކީ ވިސްނުމާއި، އިހުސާސްތަކާއި، އުދާސްތައް ހިތުގައި އުފެދޭ ބައެކެވެ. ބިރުގަތުމާއި، ހިތާމަކުރުމާއި، ކަންބޮޑުވުމަކީ އިންސާނީ ދިރިއުޅުމުގެ ޠަބީއީ ބައެކެވެ. ނަމަވެސް، މި އިހުސާސްތައް ހައްދުފަހަނަޅައިދިއުމަކީ ނަފްސާނީ މައްސަލަތަކަށް މަގުފަހިވާ ކަމަކަށް ވެދާނެއެވެ.
ހިތާމައާއި ނުތަނަވަސްކަމަކީ އިންސާނީ ޠަބީއަތުގެ ބައެއްކަން ގަބޫލު ކުރަން ވާނެއެވެ. ކަންބޮޑުވުމަކީ ނުވަތަ ހިތާމަ ކުރުމަކީ އީމާންތެރިކަން ކުޑަކަމުގެ ނިޝާނެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ އަށް ވެސް ހިތާމަޔާއި ކަންބޮޑުވުން ކުރިމަތި ވެފައިވެއެވެ. އެހެން ކަމުން، ތިމާގެ އިހުސާސްތައް ދެނެގަނެ، އެކަންކަން ހަގީގީ ކަމެއްގެ ގޮތުގައި ގަބޫލު ކުރަން ޖެހެއެވެ.
ދިރިއުޅުމަކީ އިމްތިހާނެކެވެ. ދުނިޔެއަކީ ދާއިމީ ހިތްހަމަޖެހުމެއް ލިބޭނެ ތަނެއް ނޫނެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ފެންވަރާއި ގާބިލިއްޔަތަށް ބަލައި الله سبحانه وتعالى އިމްތިހާން ކުރައްވާ ބައެކެވެ . މި އިމްތިހާނުތަކުން އަރައިގަތުމަށްޓަކައި އީމާންކަމާއި، ކެތްތެރިކަމާއެކު الله އަށް ވަކީލުކުރުން މުހިންމެވެ.
ހިތާމަތައް ކުޑަކުރުމަށް އަމިއްލައަށް ވެސް މަސައްކަތްކުރަންވާނެއެވެ. ކޮންމެ މުސީބާތަކާ އެކު ވެސް، އެކަން ލުއިކުރުމަށްޓަކައި ކުރެވޭނެ އަމަލީ މަސައްކަތްތަކެއް ހުރެއެވެ. މާލީ މައްސަލައެއް ނަމަ ވަޒީފާ ހޯދަން މަސައްކަތް ކުރުމާއި، އާއިލީ މައްސަލައެއް ނަމަ އެކަން ހައްލުކުރަން މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.
ބޭރުފުށުގެ ކަންކަން ކޮންޓްރޯލް ނުކުރެވުނަސް، ތިމާގެ ހިތާއި ނަފްސު ކޮންޓްރޯލް ކުރެވިދާނެއެވެ. ﷲ އަށް އަޅުކަން ކުރުމާއި، ދުޢާކުރުމާއި، ގާތް ރަޙްމަތްތެރިންނާއި އާއިލާގެ އެހީތެރިކަން ހޯދުމަކީ ނަފްސާނީ ހަމަޖެހުން ލިބޭނެ ގޮތްތަކެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާންކުރާށެވެ.
ދުނިޔޭގެ އެންމެހާ ކަންކަމަކީ ވަގުތީ ކަންކަމެވެ. ހަގީގީ ހަމަޖެހުމަކީ އާޚިރަތް ދުވަހު ލިބޭނެ ނިޢުމަތްތަކެވެ. މިއީ ކަންކަން ކުރިމަތިވާއިރު ހިތްވަރު ދިނުމަށްޓަކައި ހަނދާން ކުރަންވީ ކަމެކެވެ. މި އިހުސާސްތައް ދިގުލައިގެން ގޮސް ނަފްސާނީ ބަލިމަޑުކަމަކަށް ބަދަލުވާނަމަ، ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަކީ މައްސަލައެއް ނޫނެވެ. އަދި އެހެން މީހުންގެ ހިތާމައިގައި ބައިވެރިވެ، އެހީތެރިވުމަކީ މުސްލިމުންގެ މައްޗަށް ލާޒިމް ކަމެކެވެ





