މިއަހަރު ނިމުމުގެ ކުރިން ރައީސް މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ: އިބޫ

މިއަހަރު ނިމުމުގެ ކުރިން ރައީސް މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ: އިބޫ

މިއަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤް (ސޯބެ)ގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން "ގައިގައި ތަޅުއަޅުވާފައި" ކަމަށެވެ.

ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ސަރުކާރުން ނުފުއްދައިދިނަސް މެންބަރުން ތިބެންޖެހެނީ ޕާޓީގައި ކަމަށާއި، ސަރުކާރުން ވަޢުދުތަކާ ޚިލާފުވާ ނަމަ ޕާޓީ ދޫކޮށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޙައްގު އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ޕީއެންސީގެ މެންބަރެއް މީގެ ދެ ދުވަސް ކުރިން ގުޅުއްވައި، ޕާޓީ ދޫކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން ނުކުންނަން ތައްޔާރަށް ތިބި ކަމަށް ވިދާޅުވި ކަމަށެވެ. އެ މެންބަރުން އެދިވަޑައިގެންނެވީ ރައީސް ޞާލިޙާއި ރައީސް ނަޝީދާއި ރައީސް ޔާމީން ޔަގީންކަން ދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ޕީއެންސީން ވަކިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ މެންބަރުން މިހާރުވެސް އެބަތިބި ކަމަށާ، ތިން ރައީސުން އެ މެންބަރުން ހޮވަން މަސައްކަތްކުރާނެ ނަމަ، ޕާޓީ ދޫކޮށްލަންވެސް އެބޭފުޅުން ތިބީ ތައްޔާރަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީން ރައީސް މުޢިއްޒު ޖަވާބުދާރީ ކުރުވާނަން، ނޫނިއްޔާ މަނިކުފާނަށް ޖެހިވަޑައިގަންނަވާނެ ވެރިކަންދޫކޮށްފައި ވަޑައިގަންނަވަން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ "ތިލަފަތަށް ބަރުވަމުން އަންނަ" ކަމަށާއި، ބައި-އިލެކްޝަނާ އެކު އެމްޑީޕީގެ މަސައްކަތް ފުޅާވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *