ށ. މިލަންދޫގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރު ޑިންގީއެއް އެއްކޮށް އަނދައި ހުލިވެފައިވާ ކަން ކަށަވަރުވެއްޖެއެވެ. ފައިބަރު މަސައްކަތްކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނީ ރޭ 11:09 ހާއިރުއެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ރޭ ދަންވަރު 1:00 ހާއިރު ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ހާދިސާގައި ހަތަރު ޑިންގީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް މިލަންދޫ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ. ގެއްލުންވި ހަތަރު ޑިންގީ އަކީ ފައިބަރު މަސައްކަތްކުރާ ކުންފުނިން ބަންނަމުން އައި ޑިންގީ ތަކެކެވެ. އޭގެ ތެރެއިން އެއް ޑިންގީ ތައްޔާރުކޮށްފައި އޮތީ ހާދިސާ ހިނގި ދުވަހު ހަވާލު ކުުރާށެވެ. ޑިންގީ ތަކުގެ އިތުރުން، ފައިބަރު ތަކެއްޗާއި ޑިންގީ އެޅުމަށް ބޭނުންކުރާ ތަތްގަނޑު ތަކެއްޗަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ. ފައިބަރު ކުރި ތަނުގެ މައި ސްޓޯރު ވެސް ގިނަ ތަކެއްޗާ އެކު ވަނީ އަނދާ ހުލިވެފައެވެ.
"ހަތަރު ޑިންގީ އެއްކޮށް ހަލާކުވެފަ ވަނީ. އެ މީހުންގެ މައި ސްޓޯރު ވެސް ހުރީ އެ ތަނުގައި. ވަރަށް ކުޑަ ޕަސެންޓެއް ސަލާމަތްކުރެވުނީ. ތަނުގެ ވެރިމީހާގެ އަތަށް ގެއްލުމެއް ލިބި، އެ ސަރަހައްދުގައި ހަރަކާތްތެރިވި ޒުވާނެއްގެ ފަޔަށް ވެސް ގެއްލުމެއް ލިބުނު." ކައުންސިލް މެންބަރު ވިދާޅުވިއެވެ.
ހާދިސާގެ ގެއްލުން މިލިއަނަކަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތާ ހަވާލާދީ ކައުންސިލުން ބުނެފައިވި ނަމަވެސް، ގެއްލުންވި ސީދާ އަދަދު އަދި ޔަގީންކުރެވިފައި ނުވެއެވެ. ކައުންސިލްގެ އިސްނެގުމާ އެކު، ހާދިސާ ހިނގި ސަރަހައްދު ސާފުކުުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ހާދިސާ ހިނގި ގޮތް ބަލައި ތަހުގީގެއް ހިންގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައެވެ.





