ފޭސްބުކް، ޓިކްޓޮކް، އިންސްޓަގްރާމް އަދި ޔޫޓިއުބް ފަދަ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހެދުން މަނާކޮށް، ޔޫޒަރުންގެ އުމުރު ކަށަވަރު ކުރުން ލާޒިމުކުރާ ގާނޫނަށް މެލޭޝިއާގައި މިއަދު އަމަލު ކުރަން ފަށައިފިއެވެ.
އޮންލައިން ސޭފްޓީ އެކްޓްގެ ދަށުން އެކުލަވާލި މި ގަވާއިދުތައް ހިނގާނީ މެލޭޝިއާގައި 8 މިލިއަން ޔޫޒަރުން ތިބި ކަމަށް ބެލެވޭ ޕްލެޓްފޯމް ތަކަށެވެ. މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) އިން ބުނި ގޮތުގައި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ރަސްމީ ލިޔެކިޔުންތައް މެދުވެރިކޮށް ޔޫޒަރުންގެ އުމުރު ކަށަވަރު ކުރަން ޖެހޭނެއެވެ. ގަވާއިދާ ޚިލާފުވާ ކުންފުނިތައް 10 މިލިއަން ރިންގިޓް (2.5 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
މެލޭޝިއާ ހިމެނެނީ މިފަދަ ފިޔަވަޅެއް އެޅި މަދު ގައުމުތަކުގެ ތެރޭގައެވެ. އޮސްޓްރޭލިއާއިން މިދިޔަ ޑިސެމްބަރުގައި މިފަދަ ގާނޫނެއް ތަންފީޒުކުރި ނަމަވެސް، ގިނަ ކުދިން ސިއްރުން ޕްލެޓްފޯމްތައް ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އިންޑޮނީޝިއާ އަދި ތުރުކީން ވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅައިފައެވެ.
ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. "އާޓިކަލް 19″ ޖަމާއަތުން ބުނީ ކުޑަކުދިން ޑިޖިޓަލް ދުނިޔެއިން މަހުރޫމްކޮށްގެން ނުވާނެ ކަމަށާއި، އެއްކޮށް ބޭންކުރުމަކީ އަސްލު މައްސަލަތަކަށް އޮތް ހައްލެއް ނޫން ކަމަށެވެ.





