އިމާމް ބުޚާރީ އަވަހާރަވި ގޮތުގެ ހިތްދަތި، އަސަރުގަދަ ވާހަކަ

އިމާމް ބުޚާރީ އަވަހާރަވި ގޮތުގެ ހިތްދަތި، އަސަރުގަދަ ވާހަކަ

އިމާމް އަލް-ބުޚާރީއަކީ މުޅި އިސްލާމީ އުންމަތް ދުށް އެންމެ ބޮޑު ޙަދީޘް ޢިލްމުވެރިޔާއެވެ. އެކަލޭގެފާނު އެކުލަވައިލެއްވި "ޞަޙީޙުލް ބުޚާރީ" އަކީ ކީރިތި ޤުރުއާނަށްފަހު އިސްލާމްދީނުގައި އެންމެ ޞަޙީޙް (ޞައްޙަ) ފޮތް ކަމުގައި މުޅި އުންމަތް ވަނީ އިއްތިފާޤުވެފައެވެ.

ނަމަވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅު ވެގެން ދިޔައީ ވަރަށް ބޮޑެތި އިމްތިޙާންތަކާއި، އަނިޔާވެރިކަމާއި، އެކަނިވެރިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ދުވަސް ތަކަކަށެވެ.

އިމާމް ބުޚާރީ ނީސާޕޫރަށް ވަޑައިގަތުމުން އެ ރަށުގެ މީހުން އެކަލޭގެފާނަށް ކިޔާފައި ވަނީ ކޮޅެއްނެތްހާ ބޮޑު މަރުޙަބާއެކެވެ. މީގެ ސަބަބުން އެ ރަށުގައި ތިއްބެވި ބައެއް އެހެން ޢިލްމުވެރިންގެ ހިތްތަކުގައި ޙަސަދަވެރިކަން އުފެދުނެވެ. ޚާއްޞަކޮށް، ޢަޤީދާގެ ބައެއް މައްސަލަ ތަކުގައި (ޤުރުއާން ކިޔަވާ މީހާގެ އަޑާއި ހަރަކާތަކީ މަޚްލޫޤެއްތޯ ނުވަތަ ނޫންތޯ ބުނާ މައްސަލަގައި) އުފެދުނު ބަހުސް ތަކެއްގެ ތެރެއިން، އެކަލޭގެފާނާ ދެކޮޅަށް ފިތުނަ އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން ނީސާޕޫރުގެ ވެރިޔާ މުޙައްމަދު އިބްނު ޔަޙްޔާ އައްޛުހްލީ، އިމާމް ބުޚާރީ އެ ރަށުން ބޭރު ކޮށްލުމަށް އަމުރު ކުރިއެވެ.

ނީސާޕޫރު ދޫކުރައްވައި އެކަލޭގެފާނު ވަޑައިގަތީ އުފަން ރަށް ކަމަށްވާ ބުޚާރާއަށެވެ. ބުޚާރާގެ ރައްޔިތުން އެކަލޭގެފާނަށް ރަނާއި ރިހީގެ ފައިސާ އަދި ހަކުރު އުކަމުން ކުލަގަދަ މަރުޙަބާއެއް ކިއެވެ. ނަމަވެސް، ބުޚާރާގެ ވެރިޔާ (ޚާލިދު އިބްނު އަޙްމަދު އައްޛުހްލީ) އިމާމް ބުޚާރީގެ އަރިހުން އެދުނީ އޭނާގެ ގޭގެއަށް (ގަނޑުވަރަށް) ވަޑައިގެން އޭނާގެ ދަރިންނަށް ޚާއްޞަކޮށް ޙަދީޘް ކިޔަވައިދެއްވުމަށެވެ. އިމާމް ބުޚާރީ މިކަމަށް އިންކާރު ކުރައްވައި ވިދާޅުވިއެވެ.

"ތިމަންކަލޭގެފާނު ޢިލްމު ނިކަމެތި ކުރައްވައި، މީސްތަކުންގެ ދޮރު މައްޗަކަށް ޢިލްމެއް ހިއްޕަވައިގެން ވަޑައެއް ނުގަންނަވާނަމެވެ. ޢިލްމު ބޭނުންވާ މީހަކު ނަމަ، ތިމަންކަލޭގެފާނުގެ މަޖިލީހަށް (މިސްކިތަށް) އަންނާށެވެ." އެކަލޭގެފާނު ވިދާޅުވިއެވެ.

މި ހަރުދަނާ ރައްދުގެ ސަބަބުން ވެރިޔާ ކޯފާވިއެވެ. އަދި ނީސާޕޫރުގެ ވެރިޔާގެ ފަރާތުން އައި ސިޓީތަކަކާ ގުޅިގެން، އިމާމް ބުޚާރީ ވަގުތުން ބުޚާރާއިން ބޭރު ކޮށްލުމަށް އަމުރު ކުރިއެވެ. އެކަލޭގެފާނަށް ފޮތްތައް އެއްކުރާނެ ވަގުތެއްވެސް ނުލިބި، ރަށުން ބޭރުގައި ހުރި ފޭލިގެއެއްގައި ތިން ދުވަހު މަޑުކުރައްވަން ޖެހިވަޑައިގަތެވެ.

ބުޚާރާއިން ބޭރުވުމަށްފަހު، އެކަލޭގެފާނު ދަތުރު ކުރެއްވީ ސަމަރްޤަންދާ ދިމާއަށެވެ. ނަމަވެސް ސަމަރްޤަންދުގެ ސިޔާސީ މައްސަލަތަކުގެ ސަބަބުން، އެ ރަށާ ކައިރީގައި އޮތް "ޚަރްތަންކް" ކިޔާ ކުޑަ އަވަށެއްގައި ހުރި އެކަލޭގެފާނުގެ ތިމާގެ މީހެއްގެ ގޭގައި މަޑުކުރެއްވިއެވެ.

އެ ދުވަސްވަރު އެކަލޭގެފާނު ވަރަށް ބޮޑަށް ބަލިވެ، ހިތްޕުޅަށް މާޔޫސްކަން ވަދެވަޑައިގަތެވެ. "ސިޔަރު އަޢުލާމުއް ނުބަލާ" ގައިވާ ގޮތުން، އެއްރެޔަކު ދަމު ނަމާދުން އަވަދިވެވަޑައިގެން އެކަލޭގެފާނު ދުއާފުޅެއް ކުރެއްވިއެވެ.

"ޔާ ﷲ! ބިމުގެ ތަނަވަސްކަމާއެކުވެސް، ތިމަންއަޅާއަށް ބިމުގެ ހުރިހާ ދިމާއެއް ހަނިވެ ނިކަމެތި ވެއްޖެއެވެ. ވުމާއެކު، އިބާރަސްކަލާނގެ ޙަޟްރަތަށް ތިމަންއަޅާގެ ފުރާނަ ގެންދަވާނދޭވެ!" އެކަލޭގެފާނުގެ ހިތްޕުޅަށް ދަތިވެވަޑައިގެންފައިވާ މިންވަރުން ދުއާ ކުރެއްވިއެވެ.

މި ދުޢާ ކުރެއްވިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެކަލޭގެފާނު އަވަހާރަވިއެވެ.

ސަމަރްޤަންދުގެ ވެރިޔާގެ ފަރާތުންވެސް އެކަލޭގެފާނު އެ އަވަށުން ބޭރުވުމުގެ އަމުރު ފިޠުރު ޢީދުވިލޭރޭ އައެވެ. އެކަލޭގެފާނު ދަތުރަށް ތައްޔާރުވެވަޑައިގެން، އިބްރާހީމް އިބްނު މަޢުޤިލްގެ އެހީތެރިކަމާއެކު ހިންގަވަނިކޮށް، ގަދަޔަށް ހުން އައިސް، ދާހިއްލާ ގޮތްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ބަލިކަށި ވެއްޖެއެވެ. ބާއްވައިދޭށެވެ."

އެއަށްފަހު އޮށޯވެވަޑައިގަތް ގޮތަށް އޮއްވާ އެކަލޭގެފާނުގެ ފުރާނަފުޅު ﷲގެ ހަޒްރަތަށް ގެންދެވިއެވެ.

* އަވަހާރަވީ ތާރީޚް: 1 ޝައްވާލް 256 ހިޖުރީ (ފިޠުރު ޢީދުވިލޭރޭ، ޢިޝާ ނަމާދު ވަގުތު)
* ޢުމުރުފުޅު: 62 އަހަރު (އިސްލާމީ ކަލަންޑަރުން 62 އަހަރުން 13 ދުވަސް މަދު)

ފަސްދާނު ލެވުނީ ޢީދު ދުވަހުގެ ޢީދު ނަމާދަށްފަހު، ޚަރްތަންކްގައެވެ.

އެދުވަހު އިމާމް ބުޚާރީ ނިކަމެތިކޮށް، ރަށްރަށުން ފަހައި ބޭރުކުރި ވެރިންނާއި ސިޔާސީ މީހުންގެ ނަންތައް މިއަދު ތާރީޚުގެ ކުނިބުނީގެ ތެރެއަށް އުކާލެވި، މީހުން ވަނީ އެމީހުން މަތިން ހަނދާން ނައްތާލާފައެވެ. ނަމަވެސް، އިމާމް އަލް-ބުޚާރީގެ ނަންފުޅު ދުނިޔެ ދެމިއޮތްހާ ހިނދަކު އިސްލާމީ އުންމަތުގެ ކޮންމެ މިސްކިތަކާއި، ކޮންމެ ގެއެއްގައި ރަޙްމަތުގެ ދުޢާއާއެކު ނަންގަނެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *