އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދުވެސް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
މިއީ ޢީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް ގޮސްފައިވާ ދަނޑިވަޅަކަށް ވުމާއެކު، ދަތުރުކުރާ ފަރާތްތަކަށް މި އިންޒާރު ވަކިން މުހިއްމެވެ. ޢީދުގެ ކުޅިވަރުތައް ބަލާލުމަށް މާލެއިން ގިނަ ބަޔަކު ރަށްރަށަށް ގޮސްފައިވާ އިރު، ރަށްރަށުން ވެސް ގިނަ ބަޔަކު ވަނީ މާލެ އައިސްފައެވެ.
މާދަމާ ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ހުޅުވޭ ދުވަހަށް ވުމާ ގުޅިގެން، ޗުއްޓީ ހޭދަކުރި ތަންތަނުން އެނބުރި ދިއުމުގެ ދަތުރުތައް މިހާރު ވަނީ ފެށިފައެވެ. ހަމަ މިއާ އެކު، ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ މި ދުވަސްވަރު ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުން ވަނީ މުހިއްމު ކަމަކަށް ވެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 އާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 އާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައިވެއެވެ. ކުރިއަށް އޮތް ތިން ދުވަހު ވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައިވާ ކަމަށް މެޓް އިން ވިދާޅުވިއެވެ.
އެހެން ކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އިން ވަނީ ބާރު އަޅުއްވާފައެވެ.





