ޓެރިފް ކަނޑާލީ ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަމެއް އޮތުމުން: ރައީސް

ޓެރިފް ކަނޑާލީ ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަމެއް އޮތުމުން: ރައީސް

ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުން އައުމާއެކު ޓެރިފް ކަނޑާލުމަށް އިނގިރޭސި ސަރުކާރުންވެސް އިސްކަން ދެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސްވެރިކަމަކީ ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ސިނާޢަތަށްވާއިރު އިނގިރޭސިވިލާތަކީ ރާއްޖޭގެ މަސް ބޭރުކުރާ ޤައުމުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބާޒާރު ކަމަށެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު އިނގިރޭސިވިލާތުން ވަނީ، ރާއްޖެއިން އެޤައުމަށް އެތެރެކުރާ ކަނޑުމަހަށް ނަގަމުން އައި ޓެރިފް 2 އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލަން ނިންމާފައެވެ. އިނގިރޭސިވިލާތުން އައީ މިހާތަނަށް ރާއްޖޭގެ ކަނޑުމަހަށް %20ގެ ޓެރިފެއް ނަގަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޓެރިފް ކަނޑާލުމަށް ސަރުކާރުން މިހާތަނަށްވެސް އައީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މިހާރުގެ ޚާރިޖީ ވަޒީރު އަދި އޭރު އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އިރުތިޝާމް އާދަމް މަޤާމުގައި ހުންނެވިއިރުވެސް އެންމެ އިސްކަމެއް ދެއްވީ، މި ޓެރިފް ކަނޑާލުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ކަނޑުމަހަށް ޓެރިފެއް އައީ ރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަށްފަހު އައި ބަދަލުތަކެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް މިހާރުވެސް ރާއްޖެއަށް އެފަދަ ޤައުމުތަކަށް ދިމާވާ ފަދަ ގޮންޖެހުންތައް ރާއްޖެއަށް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގަމުން އައި ޓެރިފް ކަނޑާލުމަކީ، ދެ ޤައުމު ގުޅިގެން ކުރި މުހިންމު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް ލުއި ދިނުމަށް އިނގިރޭސި ސަރުކާރުންވެސް އިސްކަން ދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

" 100% ދެމެހެއްޓެނި މަސްވެރިކަމެއް ކުރާ ޤައުމަކީ ރާއްޖެ ކަމަށްވާތީ، އިނގިރޭސިވިލާތުން ވަރަށް އިސްކަން ދެއްވި ރާއްޖެއަށް ގޮތްތަކެއް ހޯދައި ދެވޭނީ ކިހިނެއްތޯ ބެލުމަށް. ޑަބްލިއުޓީއޯގެ މިންގަނޑުގެ ތެރެއިން އިނގިރޭސި ކޮންސިއުމަރުންނަށްވެސް އަގުހެޔޮވާނެ ގޮތެއް އަދި މަސްވެރިންނަށްވެސް ރަނގަޅުވާނެ ގޮތެއް. އެ މަޝްވަރާތައް ކުރިއަށްދިޔަ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިނގިރޭސި ސަރުކާރުން 2028 ވަނަ އަހަރުގެ ނިޔަލަށް އެ ޤައުމަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކަށް ޓެރިފް ނެގުން މެދުކަނޑަލާން ނިންމުމަކީ ރާއްޖެއިން އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށެވެ. މިކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި ރާއްޖެއަށްކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވީ، އިނގިރޭސިވިލާތަށް މަސް ބޭރުކުރާ ޤައުމުތަކުގެ ތެރޭގައިވެސް ކުދި ޖަޒީރާ ޤައުމަކަށް މިފަދަ ބޮޑު ޓެރިފެއް އޮތީ ހަމައެކަނި ރާއްޖެއަށް ކަމާށެވެ.

"އަޅުގަނޑުމެން ވަރަށް އުފާކުރަން މި ދަނޑިވަޅުގައި 2028 ގެ ނިޔަލަށް ޓެރިފް ސަސްޕެންޑް ކުރަން ނިންމި ނިންމެވުމަށް އޭގެ ސަބަބުން އެންމެ ބޮޑު ލުޔެއް ލިބޭނީ ރާއްޖެއަށް. ކުދި ޖަޒީރާ ސިޑްސް ޤައުމުތަކުގެ ތެރެއިންވެސް ރާއްޖެ އެކަނި ޓެރިފް އޮތް ޤައުމެއް ގޮތުގައި އޮތީ. އެހެންވީމަ ރާއްޖެއަށް ހަޤީޤަތުގައި މި ލިބުނީ އެންމެ ބޮޑޫ ކާމިޔާބެއް މި ނިންމުމުގެ ސަބަބުން. ޓޫނާ އެކްސްޕޯޓް ކުރާ އެހެން ޤައުމުތަކަށްވެސް ޓެރިފް ލުއި ލިބޭނެ. އެހެންނަމަވެސް އެންމެ ބޮޑު ލުޔެއް ލިބޭނީ ރާއްޖެއަށް. ރައްޔިތުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޓެރިފް ކަނޑާލުމުން ދިވެހިރާއްޖެއަށް މީގެ ފައިދާ ލިބިގެންދާއިރު، ދިވެހި ކަނޑުމަހަކީ، އިނގިރޭސިވިލާތުގައި މަޤުބޫލު އުފެއްދުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެތަނުގެ މާކެޓުތަކުގައި ރާއްޖޭގެ މަސްދަޅު ގިނައަދަދަށް ހުންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިބަދަށް ޝުކުރު އިނގިރޭސި ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *