އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ސަބްސިޑީއާއި އެހީގެ ގޮތުގައި މިހާތަނަށް ޖުމްލަ 5.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި ދޫކޮށްފައިވަނީ 3.5 ބިލިޔަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 48 އިންސައްތަ އިތުރުވުމެކެވެ.
ސަބްސިިޑީއަށް މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މިމުއްދަތުގައި ހޭދަ ކުރި 1.2 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 77 އިންސައްތަ އިތުރު އަދަދެކެވެ.
ސަބްސިޑީއަށް ފަހު އެންމެ ބޮޑު ހޭދައަށް ކޮށްފައިވަނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމަށެވެ. އެގޮތުން ކައުންސިލްތަކަށް މިއަހަރުގެ މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތަށް ދޫކޮށްފައިވަނީ 718 މިލިޔަން ރުފިޔާއެވެ. މިއީ 45.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މާލީ ވުޒާރާއިން ބުނީ، ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމުން ކަމަށެވެ. އަދި ބައިނަލްއަގްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީގެ ސަބަބުން އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.





