ކުށްވެރިން އަތުލައިގަތުމަށްޓަކައި ތައިލެންޑުގެ ފުލުހުން ބޭނުންކުރާ އާދަޔާ ހިލާފު އަދި ހިތްވަރުގަދަ އުކުޅުތަކުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން އެގައުމަށް ހުއްޓިއްޖެއެވެ. ފާއިތުވި މަސްތަކުގައި ހިނގައި ދިޔަ ދެ ހާދިސާއެއްގައި، ފުލުހުން ވަނީ ސަގާފީ ހެދުންތަކާއި ނެށުންތެރިންގެ ސިފާގައި ގޮސް ކުށްވެރިން ކުއްލި ސިހުމެއްގެ ތެރޭގައި ހައްޔަރު ކޮށްފައެވެ.
އެންމެ ފަހުން ހިނގި މިފަދަ ދެ ހާދިސާގެ ތެރެއިން އެއް ހާދިސާގައި، ތައިލެންޑުގެ ލޮޕްބުރީ ޕްރޮވިންސްގެ ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރު ކުރުމަށް ހާއްސަ ރޭވުމެއް ރާވާފައެވެ. މި ރޭވުމުގެ ދަށުން ފަސް ފިރިހެން ފުލުހުންނާއި އަންހެން ފުލުހަކު ވަނީ ބަބުޅާ، ވިދާ ހެދުންތަކެއް ލައި، މޫނުގައި ފުރިހަމައަށް މޭކަޕްކޮށްގެން އާންމު ފެސްޓިވަލެއްގެ ތެރެއަށް ނަށާ ގްރޫޕެއްގެ ގޮތުގައި ވަދެފައެވެ.
މި އޮފިސަރުން ބެލުންތެރިންގެ ސަމާލުކަން އަތުލަމުން، ނަށަމުން ގޮސް ތުހުމަތު ކުރެވޭ މީހާއާ ދިމާއަށް މިސްރާބު ޖެހިއެވެ. އަދި އޭނާއާ އަތްފޯރާ ފަށަށް ކައިރިވުމާއެކު، ނެށުން ހުއްޓާލައި ކުއްލިއަކަށް އޭނާ ބިޑި އަޅުވައި ހައްޔަރު ކުރިއެވެ. މި އޮޕަރޭޝަނަށްފަހު ފުލުހުން ހެދުމުގައި ތިބެ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވުމާއެކު ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ.
އަދި މީގެ ތިން މަސް ކުރިން، ފެބްރުއަރީ 2026 ގައި ނޮންތާބުރީ ޕްރޮވިންސްގައި ހިނގާދިޔަ ހާދިސާއަކީވެސް ހަމަ މިފަދަ މަޖާ އަދި ކާމިޔާބު އޮޕަރޭޝަނެކެވެ. ފުލުހުން ހޯދަމުން ދިޔައީ ސީނިއާ ފުލުސް ކޮމާންޑަރެއްގެ ގެއަށް ތިން ފަހަރެއްގެ މަތިން ވަދެ، ގާތްގަނޑަކަށް 64,000 އެމެރިކާ ޑޮލަރުގެ އަގުހުރި އާސާރީ ތަކެއްޗާއި މުދާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ވަގެކެވެ. އޭނާއަކީ ފުލުހުން ފެނުމުން ވަރަށް ހުޝިޔާރުކަމާއެކު ފިލާ މީހެކެވެ.
އޭނާ ހޯދުމަށް ފުލުހުން ބޭނުން ކުރީ ޗައިނީޒް ނިއު އިޔާ ފެސްޓިވަލާ ދިމާކޮށް ބާއްވާ ސަގާފީ ސިންގާ ނެށުމުގެ ކޮސްޓިއުމެކެވެ. ދެ އޮފިސަރަކު ސިންގާ ކޮސްޓިއުމްގެ އެތެރޭގައި ފިލާ ތިބިއިރު، އަނެއް ބަޔަކު ތިބީ ސަގާފީ ފަށުވި ހެދުމުގައެވެ.
މި އޮޕަރޭޝަންގެ ކެޕްޓަން، ލެރޓްވަރިޓް ލެރޓްވޮރަޕްރީޗާ މީޑިއާއަށް ކިޔައިދިން ގޮތުގައި، މި ހުރިހާ ކަމެއް ދިޔައީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އޭނާއަށް އޮޅިގެން އެހެން އޮފިސަރެއްގެ މާސްކެއް ނެގިފައިވާއިރު، އަސްކަރީ ބޫޓުގެ މަތިން ރަތް ކުލައިގެ ފަށުވި ހެދުމެއްލައިގެން ނަށަން ޖެހުނެވެ. މި މަންޒަރު ފެނިގެން ކުޑަކުދިން އެމީހުންގެ ފަހަތުން ދުވުނުއިރު، މަގުމަތިން ދިޔަ މީހުން ދިޔައީ ހެމުންނެވެ. ނަމަވެސް، މި ހަލަބޮލި ކަމުގެ ތެރެއިން ސިންގާގެ ބޯ ހިފަހައްޓައިގެން ހުރި އޮފިސަރު ކުއްލިއަކަށް ކުރިއަށް ޖެހި، ތުހުމަތުކުރެވޭ މީހާ ބިމަށް ތިރިކޮށް ހައްޔަރު ކުރިއެވެ.
"އެ ނެށުމަކީ އެއްވެސް ތައްޔާރުވުމެއް ނެތް، ވަގުތުން އަމިއްލައަށް އުފެއްދި ނެށުމެއް. އަހަރެމެންނަށް ކުރެވުނުހާވެސް ކަމަކީ އެވަގުތު ކުރެވެން އޮތް ކަމެއް ކުރުން،" ކެޕްޓަން ލެރޓްވަރިޓް ވިދާޅުވިއެވެ.
ތައިލެންޑް ފުލުހުން ހާމަކުރާ ގޮތުގައި، ކުށްވެރިން ހައްޔަރު ކުރުމުގެ އެންމެ ފަސޭހަ މަގަކީ، އެމީހުން ދިރިއުޅުމުގެ އުފާ ހާސިލުކޮށް، ފުލުހުންގެ ހިޔަންޏެއްވެސް ކައިރީގައި ނެތް ކަމަށް ހީކޮށް ހަމަޖެހިލައިގެން ތިބޭ ވަގުތު ބަލައި ކުއްލި ސިހުމެއް ދިނުމެވެ. މިގޮތުން މީގެ ކުރިންވެސް ފުލުހުން ވަނީ ގަސްގަހާގެހީގެ ސިފައާއި، އިމާރާތްކުރާ މަސައްކަތްތެރިންގެ ސިފާގައި ގޮސް ނުރައްކާތެރި ކުށްވެރިން ހައްޔަރު ކޮށްފައެވެ.





