އިންޑިއާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ، އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ނަސްލީ ބަހުގެ ހަމަލާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ.
އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް އެސް. ޖައިޝަންކަރުއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރުބިއޯ ވިދާޅުވީ، އެމެރިކާއަކީ މީހުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ގައުމެއް ކަމަށާއި، ނަމަވެސް ކޮންމެ ގައުމެއްގައިވެސް "މޮޔަ" މީހުން އުޅޭ ފަދައިން އެމެރިކާގައިވެސް އެފަދަ މީހުން އުޅޭ ކަމަށެވެ.
އިންޑިއާގެ ރައްޔިތުންނާއި އިންޑިއާ ދަރިކޮޅުގެ އެމެރިކާ ރައްޔިތުންނާ ދެކޮޅަށް އިންޓަނެޓާއި އެހެނިހެން ތަންތަނުގައި ދެމުންދާ ނަސްލީ ހަމަލާތަކާ ގުޅޭގޮތުން ސުވާލުކުރުމުން ރުބިއޯ ވިދާޅުވީ، އެކަންކަން ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ. "މޮޔަ މީހުން ދައްކާ އެފަދަ ދެރަވާނެ ވާހަކަތަކާ މެދު އަޅުގަނޑަށް ދެންނެވޭނީ މިހެން. އެމެރިކާއަކީ އެންމެންނަށް މަރުހަބާ ކިޔާ ގައުމެއް. އެކަމަކު ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް މޮޔައިން އެބައުޅޭ. އެމެރިކާގައިވެސް މޮޔައިން އެބައުޅޭ،" އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރުބިއޯ ވަނީ އިންޑިއާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަކީ "ސްޓްރެޓީޖިކް އެލައިންސް" (އިސްތިރާޖީ އިއްތިހާދެއް) ކަމަށާއި، ދުނިޔޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަން ހުރި މަދު ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭކަން ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުން އެއްވެސް ވަރަކަށް ބަލިކަށި ނުވާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އެމެރިކާއަށް ދަތުރުކުރާ އިންޑިއާ މީހުންނަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރުބިއޯ ވިދާޅުވީ، އެމެރިކާގެ ހިޖުރަކުރުމުގެ ނިޒާމު މިހާރު ހަލުވިކަމާއެކު ޒަމާނީ ކުރަމުން އަންނަ ކަމަށާއި، އެއީ ހަމައެކަނި އިންޑިއާއަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫން ކަމަށެވެ. މިއީ މުޅި ދުނިޔެއަށް ބަދަލުތައް ގެންނަމުންދާ ދަނޑިވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ އިސްތިރާޖީ ދައުރު ފާހަގަކުރައްވައި ރުބިއޯ ވިދާޅުވީ، އެމެރިކާގެ މި ސަރުކާރު ނިމޭއިރު، އިންޑިއާއާއި އެމެރިކާގެ ގުޅުން މީގެ ކުރިން ދުވަހަކުވެސް ނުދެކޭހާ ވަރުގަދަވާނެ ކަމަށެވެ





