ރާއްޖޭގެ އީދު ފޯރިއާއި ސަގާފީ ހަރަކާތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރުކުރުމުގެ ގޮތުން، އަންނަ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ރ. މީދޫގައި ކުރިއަށްގެންދާ އީދު ކުޅިވަރުތައް ކަވަރުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޓީމެއް ތައްޔާރު ވެއްޖެއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި އީދު ކުޅިވަރުތަކުގެ މަންޒަރުތައް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ގެނެސްދޭނެ ކަމަށެވެ. މި ހަރަކާތުގެ ތެރެއިން ރަށުގެ އިޖުތިމާއީ ގުޅުމާއި ޒަމާނުއްސުރެ ދެމެހެއްޓެމުން އަންނަ ސަގާފީ އާދަކާދަތައް ދައްކާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ހަރަކާތުގެ މަގުސަދަކީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު ތަނެއްގެ އިތުރުން، މުއްސަނދި ސަގާފަތެއް އޮތް ގައުމެއްކަން ދުނިޔެއަށް ދައްކާލުމެވެ. ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި ކެމްޕޭން ވިޒިޓް މޯލްޑިވްސްއިން ސިފަކުރެއެވެ.
މިކަމާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ ރާއްޖޭގެ ރީތިކަމުގެ އިތުރުން ދިވެހިންގެ އަސްލުވަންތަކަން ބިނާވެފައިވަނީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.
"މި ކެމްޕޭނުގެ މަގުސަދަކީ ދިވެހި އީދުގެ ފޯރިއާއި މެހުމާންދާރީ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭރުގެ ފަރާތްތަކަށް އިހުސާސްކޮށްދިނުން" ޝިއުރީ ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މި ހަރަކާތަށްފަހު މީދޫގެ އީދު ހަރަކާތްތަކުގެ މައްޗަށް ތައްޔާރުކުރެވޭ ވީޑިއޯތަކާއި އިންޓަވިއުތައް އަންނަ މަހުން ފެށިގެން އެ ކުންފުނީގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. މިއީ ރާއްޖޭގެ ސަގާފީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، ދިވެހި އާދަކާދަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.





