އެޗްޑީސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައަށް ޖަވާބުދާރީވާން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފަރާތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)އަށް އަންގައިފިއެވެ.
މި މައްސަލައަކީ އެޗްޑީސީގެ ޑިޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ރ. އަލިފުށީ ޕްލާޒާ ފާތިމަތި އަސްފާ 11 ޖެނުއަރީ 2026 ގައި ވަޒިފާއިން ވަކިކުމުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެެކެވެ.
އެޗްޑީސީއާ ދެކޮޅަށް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އަސްފާ ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއްނެތި، ތުހުމަތު ކުރެވޭ ކަމަކާމެދު ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމެއްނެތި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި، ވަޒީފާއާގުޅޭ ކަންކަމުގައި އަމުލު ކުރަންޖެހޭ އުސޫލުތަކާއި، ތަބާވާންޖެހޭ އިޖުރާއަތާއި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ.
އެހެން ކަމުން އޭނާއަކީ އެޗްޑީސީގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކި ކުރުމުން އޭނައަށް ލިބިފައިވާ އަދި ލިބެމުންދާ މާލީ ގެއްލުމުގެ ބަދަލު އެޗްޑިސީގެ ކިބައިން މިހިނދުން މިހިނދަށް އެކީ އެއްފަހަރާ ލިބިދިނުމަށް އަމުރުކޮށް ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައި ވަނީ ގައިރު ގާނޫނީ ގޮތެއްގައި މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ކަމަށް ކަނޑައަޅައި ދީ ވަޒީފާއިން ވަކި ކުރުމުން އުުފުލަން ޖެހުނު ވޭނާއި ތަކުލީފާއި މައުނަވީ ގެއްލުމަށް ރިއާޔަތް ކޮށްދެއްވައި ނޮމިނަލް ޑެމޭޖާސް ގެ ގޮތުގައި ޓްރައިބިއުނަލުން ކަނޑައަޅާ އަދުލުވެރި ބަދަލެއް ލިބިދިނުމަަަށް ޓްރައިބިއުނަލްގައި އޭނާ ވަނީ ޓްތައިބިއުނަލްގައި އެދިފައެވެ.
އަދި އޭނާ ވަޒީފާގައި ބެހެއްޓުމަށް އަމުރުކޮށް ދިނުމަށާއި، ވަޒިފާ އިއާދަކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އަހަރީ އިނާޔަތާއި، އެންމެހާ އިނާޔަތް ތަކަކީ އެޗްޑީސީން އޭނާއަށް ށްދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.
މީގެ އިތުރުން އޭނާ ވަޒިފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްނުކޮށް ކަމުގައިވާތީ ޓްރައިބިއުނަލުން ކަނޑައަޅާ އަދުލުވެރި ބަދަލެއް ނަގައި ދިނުމަށާއި، ވަޒީފާއިން ވަކިކުރި ކަމަށް އޭނާއަށް ދީފައިވާ ޗިޓަކީ ބާތިލް ޗިޓެއް ކަަމަށް ކަނޑައަޅައިދީ، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރުމުގެ ސަަބަބުން ގާނޫނީ ގޮތުން އެހީކަން ހޯދުމަށާއި މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް ގާނޫނީ ވަކީލުންނަށް ހަރަދު ކުރަން ޖެހުނު 20،000 ރުފިޔާ އެޗްޑީސީން ނަގައިދިނުމަށާއި މިދިޔަ ޑިސެމްބަރު މަހާއި، ޖެނުއަރީ މަހުގެ މުސާރަ ދީފައި ނުވާތީ އެ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ވަގުތުން ދިނުނަށް އެޗްޑީސީއަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައަށް ޖަވާބުދާރީވާން އެޗްޑީސީއަށް ދިން ފުރުސަތުގައި، މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށްބުނެ، އެޗްޑީސީން އިޖުރާއީ ނުކުތާއެއް ނެގިއެވެ. އެ ނުކުތާގައި އެޗްޑީސީން ބުނީ އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ކުރިން އަސްފާގެ ފަރާތުން އެ މައްސަލަ އެޗްޑީސީގައި ގާއިމްކޯށްފައިވާ ހިއުމަން ރިސޯސް ކޮމިޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ކޮމިޓީން އެ މައްސަލަ ނިންމުމުގެކުރި، މައްސަލަ ބެލުމުގެ އިހްތިސާށް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށްވެސް އެޗްޑީސީން ކުންޏެވެ.
ނަމަވެސް މި މައްސަލަ ބެލުމަށްފަހު ޓްރައި ބިއުނަލުން ނިންމި ނިންމުމުގައި ވަނީ މި މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށެވެ. އެހެން ކަމުން 14 ދުވަހުގެ ތެރޭގައި މި މައްސަލައަށް ޖަވާބުދާރީ ވުމަށް އެޗްޑިސީއަށް އަންގާ އަމުރުކުރާ ކަމަށްވެސް ބުނެފައިވެއެވެ





