އާޓިފިޝަލް އިންޓެލިޖެންސްގެ ސައިބަރ ނުރައްކާ ބޯމަތިވެއްޖެ

އާޓިފިޝަލް އިންޓެލިޖެންސްގެ ސައިބަރ ނުރައްކާ ބޯމަތިވެއްޖެ

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި ކަމަށްވާ "އެންތުރޮޕިކް" އިން ދާދިފަހުން ވަނީ އާދަޔާޚިލާފު އައު އޭއައި މޮޑެލްއެއް (Mythos) އާންމުކޮށްފައެވެ.

މި ސޮފްޓްވެއާ އަކީ ދުނިޔޭގައި ހުރި ކޮމްޕިއުޓާ ސިސްޓަމްތަކުގެ ނާޒުކުތަންތަން ނުވަތަ "ބަގްސް" ތައް އިންސާނަކަށްވުރެ އެތައް ގުނައެއް އަވަހަށް ހޯދައި، އެ ސިސްޓަމްތަކަށް ވަދެގަތުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެކެވެ.

ސައިބަރ ސެކިއުރިޓީގެ މާހިރުން ގަބޫލުކުރާ ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑެތި "ފޯޗޫން 100″ ކުންފުނިތައްވެސް އެއްކޮށް ހުއްޓުވާލުމުގެ ބާރު ލިބިގެންވާ ފުރަތަމަ އޭއައި މޮޑެލްއެވެ.

މިފަދަ ވަރުގަދަ ޓެކްނޮލޮޖީތައް ނުބައި ބައެއްގެ އަތްމައްޗަށް ގޮސް، ގައުމުތަކުން އިސްވެދޭ ސައިބަރ ހަމަލާތަކުގައި ބޭނުންކުރަން ފެށުމުން އާންމު ރައްޔިތުންނަށް ކުރިމަތިވާނެ ނުރައްކާތައް މިހާރު ވަނީ ފެންނަން ފަށާފައެވެ.

އޭއައި މެދުވެރިކޮށް ހިންގާ ސައިބަރ ހަމަލާ ޝިކާރަތަކުގައި މީހުންގެ މުޅި ޑިޖިޓަލް ހަޔާތް އެފުށް މިފުށަށް ޖަހާލައެވެ. ފޯނާއި، އީމެއިލް، ބޭންކް އެކައުންޓް، ވީޕީއެން، ސޯޝަލް މީޑިއާ އަދި އެހެނިހެން އެޕްލިކޭޝަންތައް ހެކްކޮށްލައެވެ. މީގެ އިތުރުން، އަދި ގާތްތިމާގެ މީހުންގެ ނަމުގައި ފޭކު ލޮކޭޝަން-ޝެއަރިން ރިކުއެސްޓްތައް ފޮނުވުމާއި، ފޭކް ފިޝިން އީމެއިލްތައް ފޮނުވުން ހިމެނެއެވެ. އޭއައި ބޭނުންކޮށްގެން އޮޅުވާލާ ވަރަށް މަތީ ފަންތީގެ އުކުޅުތައް ހެކަރުން ބޭނުންކުރެއެވެ.

އޭއައިގެ ސަބަބުން ކޮންމެ މީހަކީވެސް މިފަދަ ހަމަލާއެއްގެ ޝިކާރައަކަށް ވެދާނެ މީހެކެވެ.

މިފަދަ ޒަމާނީ ސައިބަރ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ކޮންމެހެން ސަމާލުކަން ދޭންޖެހޭ މުހިންމު ބައެއް ކަންތައްތައް:

1. ވަރުގަދަ އަދި ތަފާތު ޕާސްވޯޑް ބޭނުންކުރުން:
އެކި އެކައުންޓްތަކަށް އެއް ޕާސްވޯޑެއް ބޭނުންކުރުމަކީ ހެކަރުންނަށް ދެވޭ ދައުވަތެކެވެ. ކޮންމެ އެކައުންޓަކަށް ތަފާތު، އަކުރާއި ނަންބަރު ހިމެނޭ ވަރުގަދަ ޕާސްވޯޑެއް ކަނޑައަޅާށެވެ.
2. ޓޫ-ފެކްޓަރ އޯތެންޓިކޭޝަން އެކްޓިވްކުރުން:
ހަމައެކަނި ޕާސްވޯޑަކުން މިހާރު ފުދޭކަށް ނެތެވެ. ޕާސްވޯޑް ޖެހުމަށްފަހު ފޯނަށް އަންނަ ކޯޑެއް ނުވަތަ އޯތެންޓިކޭޓާ އެޕެއް މެދުވެރިކޮށް ނޫނީ އެކައުންޓަށް ނުވަދެވޭ ގޮތް ހެދުމަކީ ރައްކާތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.
3. ލިބޭ މެސެޖުތަކާއި ލިންކުތަކަށް ސަމާލުވުން :
އޭއައި ބޭނުންކޮށްގެން ހެކަރުން ފޮނުވާ މެސެޖުތަކާއި އީމެއިލްތަކަކީ އަސްލާ ދާދި އެއްގޮތް އެއްޗެއްސެވެ. ގާތް މީހަކު ނުވަތަ ކުންފުންޏަކުން ފޮނުވާފައިވާ އެއްޗެއް ކަމަށް ހީވިޔަސް، އެއްވެސް ލިންކަކަށް ފިތާލުމުގެ ކުރިން އެއީ ސައްހަ އެއްޗެއްތޯ ޔަގީންކުރާށެވެ.
4. ޑިޖިޓަލް ބެކްއަޕް ހެދުން:
އަމިއްލަ ފޮޓޯތަކާއި މުހިންމު ލިޔެކިޔުންތައް އެކި ތަންތަނުގައި (ހާޑްޑްރައިވް ނުވަތަ ރައްކާތެރި ކްލައުޑް ސާވިސްއެއްގައި) ބެކްއަޕްކޮށްފައި ބެހެއްޓުން މުހިންމެވެ.

އޭއައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ދިއުމަކީ އިންސާނިއްޔަތަށް ލިބޭ ފަސޭހައެއް ނަމަވެސް، އޭގެ އަނދިރި ފަރާތްވެސް އެހާމެ ބިރުވެރިއެވެ. ސައިބަރ ސެކިއުރިޓީއަކީ ހަމައެކަނި ބޮޑެތި ކުންފުނިތަކާއި ސަރުކާރުތަކުން ވިސްނަންޖެހޭ ކަމެއް ނޫނެވެ. އަމިއްލަ ޑިޖިޓަލް ސަލާމަތްތެރިކަމަށްޓަކައި ފަރުދީ ފެންވަރުގައި ފިޔަވަޅު އެޅުމަކީ މިއަދު މަޖުބޫރު ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *